މާލެ ސިޓީ ކައުންސިލްގެ ހަރަދުގައި ދަރުބާރުގެއާއި ޖެހިގެން އިރަށް އޮތް ހުސްބިމުގައި ފުޑް ކޯޓުތަކެއް އެޅުމަށް ނިންމައިފި އެވެ.
ފުޑް ކޯޓު އެޅުމަށް ނިންމީ ލާމަރުކަޒީ ގާނޫނަށް ގެނައިސްލާހުތަކާއެކު ކައުންސިލްތަކަށް ފައިދާ ލިބޭނެ ވިޔަފާރީތައް ކުރުމުގެ ހުއްދަ ލިބިފައިވާތީ އެވެ. ސްޓްރީޓް ފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަށްޓަކައި ބޭނުންވާ ކެޕިޓަލް ހޯދުމަށް ކައުންސިލުން ގެންގުޅެނީ ލޯނު ނެގުމުގެ ވިސްނުމެވެ.
އެ މަސައްކަތަށް މާލެ ސިޓީ ކައުންސިލްގެ ނަމުގައި ލޯން ނަގަން ފާސްވީ، އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގައި ތިބި މެމްބަރުންގެ ތެރެއިން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ލޯން ނަގަން ފާސްވުމާއެކު އެ ކައުންސިލުން ބުނީ ފައިނޭންސްގެ އެޕްރޫވަލް ލިބިއްޖެ ނަމަ އަންނަ ފެބްރުއަރީގައި ލޯން އެސެސްމަންޓަށް ބޭންކަށް ފޮނުވާނެ ކަމަށެވެ. އަދި އެކަންކަން ނިމުމުން މާޗް މަހުގައި ޓެންޑާއަށް ހުޅުވާލައި، އޭޕްރީލް މަހުގެ ތރޭގައި ކޮންޓްރެކްޓަރާ ކަންކަން ހަވާލުކުރެވޭނެ ކަމަށެވެ.
"އެކަންކަން އަވަސްވެއްޖެ ނަމަ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށްވެސް ހުޅުވިދާނެ،" މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހެންވޭރު އަވަށަށް ނިސްބަތްވާ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އިއުލާނު ކުރި މި މަޝްރޫއުއަށް ބެންކްތަކުން ލޯންދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ ލޯން ދެ އަހަރު ތެރޭ ދެއްކޭނެ ކަމަށެވެ.
"އެއީ ފީސިބްލް ކަމެއްގެގޮތުގައި އެބޭފުޅުންނަށް ވެސް ފެނޭ. އެއީ ކުޑަކުޑަ އިންވެސްޓްމަންޓަކުން މެކްސިމަމް ފަސް މިލިއަން ރުފިޔާގެ ބޮރޯވިންއަކަށް ގޮސް ރިކަވާ ކުރެވޭ ގްރޮސް އިންކަމް މަންތްލީ މިނިމަމް ތިން ލައްކަ ރުފިޔާ ޕޭޕަރުގައިވާ ގޮތަށް އާމްދަނީ ހޯދޭނެތީ. ތިން ލައްކަ ރުފިޔާގެ އަމްދަނީ ހޯދޭ ކަމަށްވަނީ ނަމަ އަހަރަކު ތިނެއް ޕޮއިންޓް ހައެއް މިލިއަން ހޯދޭނެ. މެކްސިމަމް ދެއަހަރުން ލޯން ރިކަވާ ކުރެވޭނެ. ދެން ލިބޭނީ ޕްރޮފިޓް،" އިއްޔެގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަން މި ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ މާލީ ގޮތުން ލާމަރުކަޒު ކުރުމެވެ. އެހެންވެ މިހާރު ކައުންސިލްތަކަށް މަންފާ ލިބޭ ގޮތަށް ކުންފުނިތައް ހަދައިގެން ވިޔަފާރީކުރުމުގެ އިހްތިޔާރު ވެސް ލިބެ އެވެ.












