މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް އުރީދޫ އަދި ދިރާގަށް ދޫކޮށްފި އެވެ.
އެމްއެމްއޭއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި މި ދެ ކުންފުންޏަށް ވެސް މި ލައިސެންސް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ވުޖޫދަށް އައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުންނެވެ.
އެގޮތުން، އުރީދޫ އަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަނީ ދޫކޮށްފަ އެވެ. ހަމައެހެންމެ، ދިރާގަށް ވަނީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފަ އެވެ.
މި ދެ ކުންފުންޏަށް ވެސް ލައިސެންސްތައް ދޫކޮށްފައި ވަނީ ޖެނުއަރީ 18، ގައެވެ. އަލަށް ދޫކުރި ލައިސެންސްތަކާއެކު މި ދެ ކުންފުނިން ވެސް މީގެކުރިން ބޭނުންކުރަމުން ދިޔަ މޯބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސެންސް ވަނީ ބާތިލްކޮށްފަ އެވެ.
މި ލައިސެންސާއެކު އުރީދޫއިން އަންނަނީ ރެމިޓެންސް ހިދުމަތް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭރުން އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މަގުފަހިވެގެންދާނެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އުރީދޫ މޯލްޑިވްސްއާ ލައިސެންސް ހަވާލުކުރަނީ -- ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެމްއެމްއޭ އެވެ.
އެ ގާނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަން ދިނުމަށް ބަޔާންކޮށްފައިވެ އެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް ހިމަނާފައިވެ އެވެ.











