ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުން ދާތީ، އައިޖީއެމްއެޗުގައި އާންމު ސާޖަރީތައް ކުރުން މެދުކަނޑާލަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
މީގެ ކުރިން ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އައިޖީއެމްއެޗުން ވަނީ ބައެއް ހިދުމަތްތައް މެދުކަނޑާލައި، އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ވެސް ދީފަ އެވެ.
އައިޖީއެމްއެޗުން ބުނީ ކޮވިޑް ކޭސްތައް އިތުރުވާތީ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ސާޖަރީތައް ހަދަން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
މިވަގުތުގެ ހާލަތަށް ބަލައި، ހޮސްޕިޓަލުގެ ބައެއް އެހެން ހިދުމަތްތައް ވެސް ޑައުންގްރޭޑް ކުރާނެ ކަމަށާއި އެ ހޮސްޕިޓަލްގެ އެމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުނެ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު ކޮންމެ ދުވަހެއްގެ އަދަދުތައް މިހާރު އުޅެނީ 1000 އިން މަތީގަ އެވެ. އެގޮތުން އިއްޔެ އެކަނި 2137 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
އެއާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 108،732 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 9،574 މީހުން ތިބިއިރު މިހާތަނަށް 98،880 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޕޮޒިޓިވްވާ މީހުންނާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު 43 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.













