މާލޭގެ އިހުތިސޯސްގައި ހިމެނޭ ކަންކަމުގައި ސިޓީ ކައުންސިލުން ޖެހެނީ ސަރުކާރުގެ އިދާރާތަކުގައި އާދޭސް ކުރަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނުން ކައުންސިލުގެ މައްޗަށް މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، މާލޭގެ އިހުތިސޯސްގައި ހިމެނޭ ތަންތަނުގެ ހިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިނުވާ ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެދޭ އެއްވެސް ކަމެއްގައި ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުދޭ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ގާނޫނުގައި އޮންނަ އުސޫލު ޕްލޭނިންގް މިނިސްޓްރީގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ގާނޫނުގައި އޮތް ގޮތަށް އަޅުގަނޑުމެން މި ކަންކަން ނިންމަނީ. އެ ކަންކަން ހުއްޓުވަންޏާ ހުއްޓުވޭނީ ގާނޫނީ ފަރާތްތަކުން ގާނޫނު ބަދަލުކޮށްގެން. ނޫނީ އެފަދަ ހުކުމެއް ކޮށްގެން. އަޅުގަނޑުމެން ދާނީ ކުރިއަށް. ގާނޫނީ ލަފާ ލައިގެން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އިހުތިސޯސްގެ މައްސަލަތައް އެންމެ ބޮޑުވެފައިވަނީ ކުންފުނިތަކަށް މާލޭން ދޫކޮށްފައިވާ ބިންތަކާއި ހުޅުމާލެ އަދި ގުޅީފަޅާ ގުޅޭ ގޮތުންނެވެ. އެގޮތުން, ހުޅުމާލެ އެޗްޑީސީގެ ބާރުގެ ދަށުގައި އޮވެފައި އެތަނަށް ސިޓީ ކައުންސިލަށް ބަސް ނުކިޔޭ ގޮތަށް އޮތުމަކީ އެ ކައުންސިލްގެ ކަންބޮޑުވުމެކެވެ.
އެގޮތުން އެޗްޑީސީގެ ދަށުން ހުޅުމާލޭގައި ދެމުން އަންނަ މުނިސިޕަލް ސާވިސްގެ ހިދުމަތް ސިޓީ ކައުންސިލަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އަދި ހުޅުމާލޭގެ ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން މާލޭގެ ޓީޖެޓީއަކީ ވެސް ސިޓީ ކައުންސިލުން ދެކޭ ގޮތުގައި އެ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ތަނެކެވެ. ނަމަވެސް, އެތަން ހިންގަމުންދާ އެމްޕީއެލްއިން ވަނީ ޖެޓީ ސިޓީ ކައުންސިލާ ހަވާލުކުރަން ދެކޮޅު ހަދާފަ އެވެ.













