އޯޓިޒަމް ކުދިންނަށް ހަޖޫ ޖެހުމުން, ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒު މާފަށް އެދެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްއަށް ނިސްބަތްވާ ރަމީޒު ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ އޯޓިޒަމް ހުންނަ ބޭފުޅެއް ކަމަށެވެ. އެހެން އޭނާ ވިދާޅުވީ, އަކްރަމްއަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމާއި ގާނޫނީ ހަމަތައް ނޭނގޭކަން ބަޔާން ކުރެއްވުމަށެވެ.
އެކަމަށް އާންމުންގެ ގިނަ ބަޔަކު ރަމީޒަށް ފާޑުކިޔަމުން އަންނާތީ މާފަށް އެދި ޒަމީޒު ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި އަކްރަމް ކަމާލުއްދީނަށް އަމާޒުކޮށް އެހެން ބުނީ އޯޓިސްޓިކް ކުދިންނަށް ބަދު ބަހެއް ބުނުމަށް ނޫން ކަމަށެވެ.
މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ރަމީޒު އެހެން ވިދާޅުވީ ކައުންސިލްގެ ބައެއް ނިންމުންތަކަށް ޕްލޭނިން މިނިސްޓްރީން ދެކޮޅު ހަދައި ސިޓީ ފޮނުވާ މައްސަލައިގަ އެވެ.
"ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި. އެކަމާ ހައިރާނެއް ނުވޭ. އެ މިނިސްޓްރީތަކަށް ލާފައިވާ ބޭފުޅުންގެ ތެރެއިން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް އޭނާ ބައްލަވަނީ އޭގެ ކުއްޖެއްގެ ގޮތުގައި،" ރަމީޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ޖެންޑާ މިނިސްޓަރު އައިޝާތު ދީދީ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަޖޫ ޖަހައި މަލާމަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރައްދުވާ ގޮތަށް އެފަދަ ބަސްތައް ބޭނުން ނުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.













