ރިޕޯޓުތިނަދޫއާ ސިޓީއެއްގެ ދަރަޖައާ އޮތީ ކިހާ ދުރުމިނެއް؟

ތިނަދޫއާ ސިޓީއެއްގެ ދަރަޖައާ އޮތީ ކިހާ ދުރުމިނެއް؟

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވާ ރަށްރަށުގެ ތެރެއިން އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީ އާއި ކުޅުދުއްފުށި ސިޓީއާ ބަލާއިރު ތިނަދޫ އެންމެ ތަންފުކެއް ވެސް ދޫނުކުރެ އެވެ. އެކަމަކު އެ ރަށަށް ސިޓީއެއްގެ ދަރަޖައެއް ނުލިބެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟

ތިނަދޫގެ ހައުސިން ޔުނިޓްތަކެއް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިނަދޫގެ ހައުސިން ޔުނިޓްތަކެއް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒަމާނުއްސުރެ ގދ. ތިނަދޫ އަކީ ރާއްޖޭގެ އިގްތިސާދީ މަރުކަޒެކެވެ. ސީދާ އެ އަތޮޅުން ރާއްޖޭން ބޭރަށް ދަތުރުކޮށް މުދާ ގެނެސް ވިޔަފާރިކޮށްފައިވެ އެވެ. ހާއްސަކޮށް 1950 ގެ އަހަރުތަކުގައި ތިނަދޫގެ އިގުތިސާދީ ހާލަތު ރަނގަޅުވެ އެ ރަށުގެ ބައެއް މަހުޖަނުން ދައުލަތަށް ވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ތިނަދޫން 1962 ވަނަ އަހަރު މީހުން ބޭލުމަށް ފަހު ފަޅު ރަށެއްގެ ގޮތުގައި ދުވަސްކޮޅަކު އޮތުމަށް ފަހު އަލުން އާބާދުވެ އަނެއްކާ ވެސް އެ ރަށް އަންނަނީ ވިދަމުންނެވެ. މިހާރު އެ ރަށުގައި ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އެބައޮތެވެ. މަތީ ތައުލީމުގެ ފުރުސަތުތައް އެބަހުއްޓެވެ. ބޭންކިން އާއި މުވާސަލާތީ ހިދުމަތްތައް ލިބެ އެވެ.

ވަރަށް އަވަހަށް ޓާޝަރީ ހޮސްޕިޓަލަކާއި ކާގޯޕޯޓަކާއި ފުޑް ސްޓޯރޭޖަކާއި ގޭސް ޕްލާންޓަކާއި ކޭނިން ފެކްޓަރީއެއް އަންނާނެ އެވެ. އަދި އެ ރަށް ކައިރިން އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް ދާދި އަވަހަށް ތަރައްގީވާނެ އެވެ. އާބާދީ އިތުރުކުރާ ނަމަ ހިއްކާނެ ޖާގަ އެބައޮތެވެ. އާބާދީ އިތުރުކުރުމުގެ ޕްލޭނެއް ވެސް އެބައޮތެވެ.

ތިނަދޫގައި ހުންނަ ބީއެމްއެލް ބްރާންޗް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިނަދޫގައި ހުންނަ ބީއެމްއެލް ބްރާންޗް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިނަދޫގައި ހުންނަ ބީއެމްއެލް ބްރާންޗް. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުރުކޮށް ބުނާ ނަމަ ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވާ ރަށްރަށުގެ ތެރެއިން އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީ އާއި ކުޅުދުއްފުށި ސިޓީއާ ބަލާއިރު ތިނަދޫ އެންމެ ތަންފުކެއް ވެސް ދޫނުކުރެ އެވެ. އެކަމަކު އެ ރަށަށް ސިޓީއެއްގެ ދަރަޖައެއް ނުލިބެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟

އޭގެ ޖަވާބު ވަރަށް ސާފެވެ. ގާނޫނީ ޝަރުތުތައް ހަމަނުވަނީ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުތައް

ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 (ދިހަހާސް) އަށްވުރެ ދަށްނުވުން.

  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން.
  • ޓާޝަރީ ހޮސްޕިޓަލެއް ހުރުން.
  • ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.
  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
  • ސިޓީގައި ކޮމާޝަލް ހާބައެއްގެ ހިދުމަތް ލިބެންހުރުން.
  • ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެންހުރުން.

ތިނަދޫ އަށް ބަލާއިރު އާބާދީގައި 10،000 ހަމަނުވެ އެވެ. އެކަމަކު ތިނަދޫ ކައުންސިލުން ދެކޭ ގޮތުގައި ގާނޫނީ އެ ހުރަސްތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނައްތާލައިގެން ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ މިހާރު ދޭން ޖެހެ އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ދެކެވަޑައިގަންނަވާ ގޮތުގައި ތިނަދޫ މިހާރުވެސް މިއޮތީ ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައި ހުރި ތަންތަނަށް ވުރެ ބޮޑަށް ނޫނީ އެވަރަށް ތަރައްގީވެފަ އެވެ. ވަރަށް ގިނަ ފުރުސަތުތަކެއް ވެސް އެބަހުއްޓެވެ.

"ސިޓީއެއްގެ ދަރަޖައިގައި ހިމަނަން ޖެހޭ ހުރިހާ ވަސީލަތެއް ތިނަދޫގައި ގާއިމްވެފައި އެބަހުރި. ހަމަ އެކަނި ތިނަދޫގެ ނަމަށް ސިޓީއެއްގެ ދަރަޖައިގައި ނުހިމެނި ހިފެހެއްޓިފައި މި އޮންނަނީ ގާނޫނުގައި އެބުނާ 10،000 ނަމްބަރުގައި ތާށިވެފައި މިއޮތީ،" ސައުދު ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިޓީގެ ދަރަޖަ ލިބެން 10،000 މީހުން ހަމަކުރަން ޖެހޭނީ ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީންނެވެ. ފްލެޓް ހޯދަން މާލޭ ދަފުރަތުގައި ޖެހިފައިވާ ރަށު މީހުން ނުހިމެނޭނެ އެވެ. އަދި ރަށުގައި ދިރިއުޅޭ ރަށުން ބޭރު މީހުން ވެސް ނުހިމެނޭނެ އެވެ. އެ ދެ ބައި ނުވަތަ އޭގެން އެއް ބައި ހިމެނިޔަސް ތިނަދޫގައި މިހާރު 10،000 ހަމަވާނެ ކަމަށް ސައުދު ދެކެވަޑައިގަންނަވަ އެވެ.

"ތިނަދޫގެ ލިވިން ޕޮޕިއުލޭޝަނަށް ބަލާ ކަމަށް ވަންޏާ ބާރަހާހެއްހާ މީހުން އެބަ އުޅޭ،" ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ ފަހުން ކޮވިޑްގެ ހާލަތުގައި ހެދި ހިސާބުތަކުން، ސާވޭތަކުން އެބަ ދައްކާ ތިނަދޫގައި ބާރަހާހެއްހާ މީހުން ދިރިއުޅޭކަމަށް. ހިދުމަތް ލިބިގަތުމަށް ޓަކައި ތިނަދޫގައި އެހާ ގިނަ ރައްޔިތުން ދިރިއުޅޭއިރު ސިޓީ ދަރަޖަ ނުލިބެން ޖެހޭ ސަބަބެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގެ ރަޖިސްޓްރީ އާބާދީ 10،000 މަތިވާއިރު އޭގެ ތެރެއިން އެއް ބަޔަކު މާލެ އަށް ބަދަލުވާނެ ކަމަށެވެ. އެހެންވެ އެ ގޮތަށް ބަލައިގެން 10،000 ހަމަވަންދެން ސިޓީއެއްގެ ދަރަޖަ ނުދީ އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެކަނި ނަމްބަރަކާ ހުރެ، ތިނަދުއަށް ސިޓީ ދަރަޖަ ލިބުން ހުއްޓިފައި މިއޮތީ." އޭނާ ވިދާޅުވި އެވެ.

"މި ކަމަކީ ތިނަދޫ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭ ކަމަކަށް ވާތީ ސަރުކާރަށް ދަންނަވާފައި ވާނެ ތިނަދޫ ސިޓީއަކަށް ބަދަލުކުރަން."

ސައުދުގެ ބަސް ސާފެވެ؛ ތިނަދޫގައި ދިރިއުޅޭ އާބާދީ، ސިޓީއެއްގެ ދަރަޖަ ލިބެން ކަނޑައެޅިފައިވާ އަދަދަށް ވުރެ މައްޗެވެ. އެ އަދަދު ވެސް އިތުރުކުރަން ޕްލޭނެއް އެބައޮތެވެ. ރާއްޖޭގެ ރަށްރަށާ ބަލާއިރު ހިދުމަތްތައް އެބަހުއްޓެވެ. އިތުރު ޕްރޮޖެކްޓްތައް ވެސް އެބަ އާދެ އެވެ. އެހެންވެ "ސިޓީ" ގެ ދަރަޖަ ނުދީ ލަސްކުރަން ޖެހޭ ސަބަބެއް ނެތެވެ.

"ސަރުކާރުން ތިނަދޫ އަށް ހައްގުވާ މިންވަރު ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް. ގާނޫނީ ގޮތުން ހައްލުކުރަން ޖެހޭ ކަންކަން ހައްލުކޮށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ދެއްވާނެ ކަމަށް މި ބަލަނީ،" ސައުދު ވިދާޅުވި އެވެ.

މުހައްމަދު ހަމްދޫން

…

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox