ޒިއުރިކް (ޖެނުއަރީ 18) - ފީފާ އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑް، ޖަރުމަނުގެ ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ދިފާއުކޮށްފި އެވެ.
ލެވަންޑޯސްކީ މި ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ދާދި ފަހުން ހަތް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހޯދި ލިއޮނަލް މެސީ އާއި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހާ ވާދަކޮށެވެ. ލެވަންޑޯސްކީ އަށް ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. މެސީ އަށް 44 ޕޮއިންޓް ލިބުނުއިރު، ސަލާހަށް ވަނީ 39 ޕޮއިންޓް ލިބިފަ އެވެ.
މިދިޔަ އަހަރު މެސީގެ ފަހަތަށް ދިޔައީ މެސީ އަދި ރޮނާލްޑޯ އެވެ. ބެސްޓް އެވޯޑްގައި ވޯޓު ލަނީ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ފީފާ އިން ރަޖިސްޓްރީކޮށްފައިވާ ގައުމުތަކުގެ މީޑިއާ އޮފިޝަލުންނެވެ.
ލެވަންޑޯސްކީ ވަނީ ޕޮލެންޑް ގައުމީ ޓީމާއި ބަޔާނަށް މިދިޔަ އަހަރު 45 މެޗުން 51 ގޯލު ޖަހައިފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް ގޮވައިގެން ވާދަކުރި ލެވަންޑޯސްކީގެ ހާއްސަ އުސްއަލިތައް ފެނުނީ ކްލަބް ލެވަލްގަ އެވެ. ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް ގާޑް މުލާގެ އެތަކެއް އަހަރުވީ ރެކޯޑްތަކެއް ލެވަންޑޯސްކީ ވަނީ މުގުރާލައިފަ އެވެ. ލެވަންޑޯސްކީ ވަނީ ކަލަންޑަރު އަހަރެއްގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑާއި އެއް ސީޒަނެއްގައި އެންމެ ގިނަ ލީގު ގޯލު ޖަހައިގެން މުލާ ހަދާފައިވާ ރެކޯޑެއް މުގުރާލައިފަ އެވެ.

ބެސްޓް އެވޯޑްސްގެ ޕޮއިންޓް ރޭންކިން
މި ފަހަރުގެ ބެސްޓް އެވޯޑް ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު މެސީގެ ހާއްސަ އުސްއައްޔަކީ އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. އާޖެންޓީނާ އިން 1993 ވަަނަ އަހަރަށް ފަހު ބައިނަލްއަގުވާމީ ފުރަތަމަ ތަށި ހޯދީ މެސީގެ ކެޕްޓަންކަމުގަ އެވެ. މެސީގެ ރެކޯޑް އެ މުބާރާތުގައި ފެނުނީ އާދަޔާހިލާފުކޮށެވެ. އެ މުބާރާުތުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދޭންް އެހީތެރިވި މެސީ އަށް އެ މުބާރާތުގައި އޭނާ ވާދަކުރި ހުރިހާ އިންޑިވިޖުއަލް ޓްރޮފީތަކެއް ވަނީ ލިބިފަ އެވެ. އެންމެ ގިނަ ގޯލު ޖެހުމާއި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމާއި އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެސީ އެވެ.
ލިވަޕޫލްގެ މިސްރު ފޯވާޑް ސަލާހު މި ވަގުތު ހުރީ އާދަޔާހިލާފު ފޯމެއްގަ އެވެ. މިސްރު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލި ސަލާހު އަންނަނީ އޭނާ ކުޅެމުން އަންނަ ލިވަޕޫލާއި އިނގިރޭސި ލީގުގެ ލަނޑުގެ ރެކޯޑްތަކުގައި ވެސް ނަން ފަވަމުންނެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ފީފާއިން ދޭ އެވޯޑް ހާސިލްކުރީ ދާދި ފަހުން ބެލޮންޑިއޯ ފެމިނިން ޓްރޮފީ ހާސިލްކުރީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. ޕުޓޭޔާސް އަކީ ފީފާގެ އެވޯޑެއް ހޯދި ސްޕެއިނަށް ނިސްބަތްވާ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު އަންހެން އަދި ފިރިހެން ފުޓްބޯޅައިގައި ވެސް ލިބުނީ ޗެލްސީގެ ކޯޗުންނަށެވެ. ޗެލްސީ އަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ހޯދައިދިން ތޯމަސް ޓުޗެލް އަށް ފިރިހެން މޮޅު ކޯޗުގެ މަގާމު ލިބުނުއިރު، އަންހެން މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީ އަންހެން ޓީމުގެ އެމާ ހޭސް އެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ ޓްރޮފީ ހޯދީ ބަޔާންގެ މެނުއަލް ނޯޔާ އާއި އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާއާ ވާދަކޮށް ޗެލްސީގެ އެޑޮއާޑް މެންޑީ އެވެ. މެންޑީ އާއި ޑޮންނަރުންމާ އަށް ޕޮއިންޓް ލިބުނީ އެއްވަރަށެވެ. އެއީ 24 ޕޮއިންޓެވެ. އެކަމަކު، ކެޕްޓަނުންގެ ވޯޓު ގިނައިން ލިބުނީ މެންޑީ އަށް ކަމަށްވާތީ މޮޅު ކީޕަރުގެ އެވޯޑް މެންޑީ އަށް ދިނީ އެވެ.
ފީފާގެ ޑްރީމް ޓީމު، ފިފްޕްރޯ 11ގައި ތިބީ ގޯލުކީޕަރަކަށް ޑޮންނަރުންމާގެ އިތުރުން ޑިފެންޑަރުންނަށް މެންޗެސްޓާ ސިޓީގެ ރުބެން ޑިއާޒް، ޔުވެންޓަސްގެ ލެއޮނާޑޯ ބޮނޫޗީ އަދި ރެއާލް މެޑްރިޑްގެ ޑޭވިޑް އަލަބާ، މިޑްފީލްޑަރުންނަށް ޗެލްސީގެ ޖޯޖީނިއޯ އާއި އެންގޯލޯ ކާންޓޭ އަދި ސިޓީގެ ކެވިން ޑިބްރޭނާގެ އިތުރުން ފޯވާޑުންނަށް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލެވަންޑޯސްކީގެ އިތުރުން އާލިން ބްރައުޓް ހާލަންޑް އެވެ.
ފީފާގެ އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ޑެންމާކް ޓީމާއި ޑެންމާކްގެ މެޑިކަލް ޓީމުގެ އިތުރުން ޑެންމާކްގެ ސަޕޯޓަރުންނާއި ފިންލެންޑްގެ ސަޕޯޓަރުންނަށެވެ. އެންމެ މޮޅު ގޯލަކަށް ދޭ ޕުސްކަސް އެވޯޑް ހާސިލްކުރީ ޓޮޓެންހަމް އަށް ކުރިން ކުޅުނު އާޖެންޓީނާގެ އެރިިކް ލަމޭލާ އެވެ. މޮޅު ގޯލަކީ ލަމޭލާ އާސެނަލް ކޮޅަށް ޖެހި ރަބޯނާ ކިކް ގޯލެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް މިދިޔަ އަހަރު މުގުރާލި ރޮނާލްޑޯ އަށް ވަނީ ފީފާގެ ހާއްސަ އެވޯޑެއް ދީފަ އެވެ. އަލީ ދާއީ 109 ގޯލު ޖަަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލައި ރޮނާލްޑޯ ވަނީ 115 ގޯލު ޖަހައިފަ އެވެ.












