އިކޮނިމިކް މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމާއި މިނިސްޓްރީގެ ކަންކަމާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އެހީވުމަށް އެ މިނިސްޓްރީން ހާއްސަ އޮފީހެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.
"1500 ހެލްޕް" ގެ ނަމުގައި މި ހެލްޕް ސެންޓާ ގާއިމްކޮށްފައިވަނީ މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ހިދުމަތާއި ރާއްޖެ ގެންނަ ބިދޭސީންނަށް ހުއްދަ ދޫކުރުމުގެ ހިދުމަތާއި ޖޮބްސެންޓަރުގެ ހިދުމަތްތައް މިހާރު އެ މިނިސްޓްރީން ދެމުން ގެންދަނީ އޮންލައިންކޮށެވެ. މިއަދު ހުޅުވި އޮފީހަކީ އޮންލައިންކޮށް ހިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތަކަށް އެހީވުމަށް ހުޅުވި އޮފީހެކެވެ.
"މިއީ މި ހިދުމަތްތަކަށް އޮންލައިންކޮށް އެދޭ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އެހީތެރިވެދިނުމަށާއި މި ދެންނެވުނު ހިދުމަތްތަކާ ބެހޭ މައުލޫމާތާއި އެހީތެރިކަން އާއްމުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލާފައިވާ ސާވިސް ސެންޓަރެއް،" އިކޮނިމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވެ އެވެ.
އެ ސާވިސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށް ދިނުން ހިމެނެ އެވެ. އަދި އޮންލައިންކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދައްޗެއް ދިމާވެއްޖެ ހާލަތުގައި، ޗެކްކޮށްދިނުމާއި ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި އެހީތެރިވުމާއި މިނިސްޓްރީގެ ހިދުމަތްތަކަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުންވެސް މިސެންޓަރުން ލިބެންހުރި ހިދުމަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

"1500 ހެލްޕް" އޮފީސް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.













