ކ. މާފުށީ ޖަލުގައި ގައިދީންތަކަކާއި އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، އެ ޖަލު ކުއްލި ހާލަތަށް ގެނައުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ނިންމައިފި އެވެ.
ކަރެކްޝަންސް އިން ބުނީ، ކޮވިޑުގެ އަލާމާތްތައް ހުރެގެން މިހާތަނަށް ނެގި ސާމްޕަލްތަކުން ހަތް އޮފިސަރަކާއި ހަތަރު ގައިދީއެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާ، މިއަދު ހަވީރު 4:00އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާތަލަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އަދި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށް ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.

މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފައިމިވަނީ އެ ބަލީގެ އާ ރާޅަކާއެކު ބަލި ޖެހޭ މީހުން އަދަދު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮވިޑުގެ އެންމެ ބާރަށް ފެތުރޭ އާ ވޭރިއަންޓެއްކަމަށްވާ އޮމިކްރޯން ވޭރިއަންޓު މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ.
މިގޮތުން، އިއްޔެ އެކަނިވެސް 816 މީހަކަށް ބަލި ޖެހިފައިވާއިރު، މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ އެއް ލައްކަ ހުރަސްކޮށްފަ އެވެ.













