ކޮމަންޑު އާއި އެރަށާ ޖެހިގެން އޮންނަ ފަޅުރަށް، މަތިކޮމަންޑޫ ގުޅައިލާ ފާލަމުގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓް، ސެޕްޓެމްބަރުހާ ތަނަށް ނިމޭނެ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "އަދަދު"އަށް ވިދާޅުވީ ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތަށް މީހުންނާ ތަކެތި މޮބިލައިޒް ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
"މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ، އަމަލީ މަސައްކަތް ސީދާ ކުރަން ފަށާނެ ހުކުރުދުވަހު. ދެން އެހިސާބުން މަސައްކަތް ހަމަ ހުއްޓުމެއް ނެތި ކުރިއަށް ދާނެ." އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް މަޝްރޫއުއެއްގެ ގޮތުގައި ކޮމަންޑޫގައި ކުރަން އެމްޓީސީއާ ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް އެކުންފުނިން ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށެވެ. އެއީ ދެކޮމަންޑޫ ގުޅައިލާ ފާލަމުގެ މަސައްކަތާއި ކޮމަންޑޫން ބިން ހިއްކުމާއި ދެކޮމަންޑޫގެ ވެސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.
ދެކޮމަންޑޫ ގުޅުވައިލާ ފާލަމުގެ މަސައްކަތް އަންނަ އަހަރާ ހަމައަށް ދެމިގެންދަނީ ކީއްވެތޯ، ސުވާލުކުރުމުން އާޒިމް ވިދާޅުވީ އެެއީ "ވަރަށް ބޮޑު މަސައްކަތެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ އޮގަސްޓް ސެޕްޓެމްބަރުހާ ތަނަށް މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމައިލެވޭނެ އެންމެ ލަސްވެގެން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވިގޮތުގައި ދެކޮމަންޑޫ ދޭތެރޭގައި އަޅާ، ދިގުމިނުގައި 200 މީޓަރުގެ (656.1 ފޫޓްގެ) ފާލަމުގެ ފުޅާ މިނުގައި ހުންނާނީ 9.6 މީޓަރު (31.4 ފޫޓު) އެވެ. އެ ފާލަން ގޮސް ގުޅޭނީ ދެކޮމަންޑޫގެ ވެސް ހިއްކި ބިމާ އެވެ.
އޭނާ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާ ވެސް އެކުގަ އެވެ. އެއީ އެ ސަރަހައްދަކީ ވަރަށް ކަނޑުގަދަ ސަރަހައްދަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިއްކަން އަޅުގަނޑުމެން ގަސްދުކޮށްފައި އޮތީ، އެ ދިމާލަކީ ވަރަށް ގަދަ ދިމާލަކަށް ވާތީވެ، ޕްރޮޓެކްޝަން ޖަހަމުން ހިއްކަމުން ދާނީ. އަޅުގަނޑުމެން ފުރަތަމަ ޕްރޮޓެކްޝަން މަސައްކަތް ކުރާނީ. އެއީ، އެހެން ނޫނިއްޔާ ހިއްކަން ވެލި އަޅާ އިރަށް ގިރަން ފަށާނެ،" އާޒިމް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނީ ދެ ކޮމަންޑޫ ގުޅައިލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ (2 އަހަރާއި 10 ދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. ޕްރޮޖެކްޓުގެ އަގަކީ 249.9 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީއާ އެކު ސަރުކާރުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެކޮމަންޑޫ ގުޅައިލާ ލިންކްގެ ދިގުމިނަކީ 200 މީޓަރެވެ. ގުޅައިލާ ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.












