ކޮވިޑް-19ގެ ކޭސްތަކުގެ ކުއްލި އިތުރުވުމެއް ނުވަތަ "ޕީކެއް އަނެއްކާވެސް އަތުވެދާނެކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ޕީކެއް އަންނާނެ ކަމަށް ބެލެވެނީ އޮމިކްރޯން ވޭރިއަންޓްގެ ކޮމިއުނިޓީ ސްޕްރެޑެއް މިހާރު ރާއްޖޭގައި އޮތީމަ އެވެ. ރާއްޖޭގައި ޑެލްޓާ ވޭރިއަންޓް ފެތުރުނު ދުވަސްވަރު ކޮވިޑްގެ ކޭސްތައް ފެތުރުނު ވަރަށް ވުރެ އޮމިކްރޯންގެ ކޭސްތައް ގިނަވާނެ ކަމަށް ލަފާކުރެވޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑެލްޓާ ވޭވްއަށް ވުރެ ކޭސްތައް ގިނަވާނެ ކަމަށް، އަދި ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާ ހަމައަށް ދާ އިރު ނޫނީ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަ ޕީކެއް ފެންނާނެ ކަަމަށް ޕްރޮޖެކްޝަންތަކުން ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ޕީކް ފެންނާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި މުޅި ރާއްޖޭގައި ވެސް ކޭސްތައް އިތުރުވާނެ ކަަމަށް ލަފާކުރެވޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.


އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީޑިއާއާ ވާހަކަދައްކަވަނީ
"އޮމިކްރޯންގެ ކޮމިއުނިޓީ ސްޕްރެޑެއް"
ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންއަކީ އޭގެ ކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށް ވުރެ މާ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއްކަން އެހެން ގައުމުތަކުން ވެސް ވަނީ ފެނިފަ އެވެ. ރާއްޖޭގައި މިހާރު ފެތުރެނީ އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި އިތުރުވާނީ އޮމިކްރޯން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އޮމިކްރޯންގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން މިހާރު އެނގިފައިވާ ކަމަށެވެ.
"ދިވެހިންގެ ތެރޭގައި ވެސް އޮމިކްރޯން އުޅޭ ކަމަށް މިހާރު އަަޅުގަނޑުމެންނަށް މިވަނީ ސީކުއެންސިން އިން ކަށަވަރުވެފައި،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ލިބުނު ނަތީޖާތަކުގެ ތެރޭގައި ވެސް ހަތް ދިވެއްސަކު އޮމިކްރޮން އަށް ޕޮޒިޓިވް ވި އެވެ. އޭގެ ކުރީ ހަފްތާގައި ވެސް ދިވެއްސަކު އެވޭރިއަންޓަށް ޕޮޒިޓިވްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ މާނައަކީ މިއަށް ވުރެ އިތުރު ކޭސްތައް ހަމަ އުޅެމުންދާނެކަން،" ނަޒްލާ ވިދާޅުވި އެވެ.
އޮމިކްރޮން އަކީ މީގެ ކުރިން ފެތުރުނު ވޭރިއަންޓްތަކަށް ވުރެ މާ ހަލުވިކޮށް ފެތުރޭ ބާވަތެކެވެ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ވޭރިއަންޓް ފެތުރޭ ގައުމުތަކުގައި ތިން ދުވަހާ ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކޭސްތަކުގެ އަދަދު ދެގުނަވާކަން ވަނީ އެނގިފަ އެވެ.
އެހެންވެ ރާއްޖޭގައި ވެސް ދެން ގިނަވާނެ ކަމަށް ލަފާކުރެވެނީ އޭނާ ވިދާޅުވި ގޮތުގައި އޮމިކްރޮން އެވެ.
މިއަދުގެ ބްރީފިން ގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވި ނަމަވެސް މިފަހަރު ފިޔަވަޅުތައް އަޅާނީ އިގުތިސާދީ ހަރަކާތްތަކާއި ކުދިންގެ ކިޔެވުމަށް ވެސް ބޮޑު ބުރުލެއް ނާރާ ވަރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ގައުމުގެ ކަންތައްތައް ހުއްޓުވުމެއް ނެތި މި ޕެންޑެމިކް ކޮންޓްރޯލްކުރުން. އެހެންވީމާ އަޅުގަނޑުމެންގެ އިގުތިސާދާ ގުޅިފައި ހުރި ކަންތައްތަކަށް މާ އުނދަގޫ ނުޖެހޭ ގޮތަށް މި ޕެންޑެމިކް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު،" އޭނާ ވިދާޅުވި އެވެ.
ސަަރުކާރުން ތައްޔާރުވަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތައް ތަކާއި އާއްމު ހިދުމަތްތައް ވެސް ނުހުއްޓުވައިބަލި ކޮންޓްރޯލް ކުރުމަށެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރީ 300 އިން މަތީގަ އެވެ. އެ ބަލީއެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 3،000 އަށް ވުރެ މަތީގަ އެވެ. އެހެން ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު އެހާ ގިނައެއް ނޫނެވެ. މިހާރު އެޑްމިޓްކޮށްފައި ތިބީ 21 މީހުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ފިޔަވަޅުތައް އަޅާނީ ދަތިނުވާ ގޮތަށް ކަމަށް












