ޕެރިސް، ފްރާންސް (ޖެނުއަރީ 11) - ސައިޕްރަސް އިން ފެނުނު ކަމަށް ރިޕޯޓުކޮށްފައިވާ ހައިބްރިޑް ކޮރޯނާވައިރަސް މިޔުޓޭޝަން "ޑެލްޓާކްރޯން" އަކީ ލެބުގައި ދިމާވި މައްސަލައެއްގެ ނަތީޖާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ އާ ވޭރިއެންޓެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
މުޅިން އާ ވޭރިއެންޓެއްގެ ވާހަކަ ސައިޕްރަސްގެ ނޫސްތަކުން ރިޕޯޓު ކުރީ ހޮނިހިރު ދުވަހު އެވެ. އޭގައި ހިމެނެނީ "ޑެލްޓާ ވޭރިއެންޓްގެ ޖެނެޓިކް ސިފަތަކާއި އޮމިކްރޯން ވޭރިއެންޓްގެ ބައެއް މިޔުޓޭޝަންތައް" ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެ އެވެ.
ކޮރޯނާވައިރަސްތައް ޖެނެޓިކް ގޮތުން އެއްވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް އެއީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޑެލްޓާކްރޯން ތަހުލީލް ކުރަމުންދާ ސައިންސްވެރިން ބުނީ އޭތި އުފެދުނީ ދެ ވޭރިއެންޓް އެއްވެގެން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
"ސައިޕްރަސްގެ ބައެއް ބޮޑެތި ނޫސްތަކުން ރިޕޯޓުކުރި ޑެލްޓާކްރޯން އަކީ ވަރަށް ސާފުކޮށް ފެންނަ ގޮތުގައި ލެބެއްގައި ހިނގި ތަގައްޔަރުވުމެއްގެ ނަތީޖާ،" އިމްޕީރިއަލް ކޮލެޖް ލަންޑަންގެ އިންފެކްޝަސް ޑިޒީޒާޒް ޑިޕާޓްމަންޓުގެ ވައިރޮލޮޖިސްޓް ޓޮމް ޕީކޮކް ކުރި ޓްވީޓެއްގައި ވެ އެވެ.
"މިއީ ޑެލްޓާ އާއި އޮމިކްރޯން އެކުވެގެން އުފެދުނު އެއްޗެއް ނޫންކަން ވަރަށް ބޮޑަށް ޔަގީންވޭ،" އިނގިރޭސިވިލާތުގެ ވެލްކަމް ސޭންގާ އިންސްޓިޓިއުޓްގެ ކޮވިޑް-19 ޖިނޯމިކްސް އިނީޝިއޭޓިވްގެ ވެރިޔާ ޖެފްރީ ބެރެޓް ވިދާޅުވި އެވެ.
ކޮވިޑާ ގުޅޭ ގޮތުން ނުބައި މައުލޫމާތާއި ދޮގު ހަބަރު ފެތުރުމަކީ ސައިންސްވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.
ފްލޫ އާއި ކޮރޯނާވައިރަސް އެކުވެގެން އުފެދުނު "ފްލުރޯނާ" ރޯގާ ފެތުރޭ ކަމަށް ބުނެ ވެސް ދޮގު ހަބަރެއް މިދިޔަ ހަފްތާގައި ފެތުރި އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޯމަ ދުވަހު ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ.
"ޑެލްޓާކްރޯން އާއި ފްލުރޯނާ ފަދަ ބަސްތައް ބޭނުން ނުކުރަމާ. މި ބަސްތަކުން ދޭހަވަނީ ވައިރަސްތައް ނުވަތަ ވޭރިއެންޓުތައް އެކުވަމުންދާކަން އެކަމަކު އެއީ ހަގީގަތެއް ނޫން،" ޑަބްލިއުއެޗްއޯގެ އިންފެކްޝަސް ޑިޒީޒް އެޕިޑެމިއޮލޮޖިސްޓް މާރިއާ ވޭން ކެރްކޮވޭގެ ޓްވީޓެއްގައި ވިދާޅުވި އެވެ.
އިންފްލުއެންޒާ އާއި ކޮރޯނާވައިރަސް އެއް ފަހަރާ ޖެހި މީހަކު ބަލިވެދާނެ އެވެ. ނަމަވެސް ސައިންސުން ހެކިދޭ ގޮތުގައި އެ ދެ ވައިރަހަކީ "ކޮމްބައިން" ނުވަތަ އެއްވާނެ އެއްޗެއް ނޫނެވެ.








