ވެރިރަށް މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދިއުމާ ގުޅިގެން، މާލޭން އަތޮޅު ތެރެއަށް ފުރާއިރު ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އުސޫލު ބަދަލުކޮށްފި އެވެ.
ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓުގެ ގޮތުގައި ސިފަކޮށްފައިވާ އޮމިކްރޯން ވޭރިއަންޓު ރާއްޖޭން ވެސް ފެނިފައިވާއިރު، އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުން ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސަންޓަށް ވުރެ މަތިވެފައިވާތީ، މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.
މިގޮތުން، ކޮވިޑު ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
ނަމަވެސް، މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުމުގެ އިތުރުން، ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރަން އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުން އަދަދު މިހާރު ވަނީ 300 އަށް ވުރެ މަތިވެފަ އެވެ.
މިގޮތުން، އިއްޔެ މާލެ ސަރަހައްދުން 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 129 މީހުންގެ އިތުރުން ރިސޯޓުތަކުން އިތުރު 99 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.












