އަންނަ ހޯމަ ދުވަހު ބަންގްލަދޭޝްގައި ކުރިއަށްދާ ޑާކާ މެރަތަންގައި ވާދަކުރާ ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ރަޝީދު (މޯޑް) އާއި އައިޝަތު ރިޝްމީ އަދި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ ތަޖުރިބާކާރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު، މިއަދު ޑާކާ އަށް ދިއުމަށް ފުރައިފި އެވެ.
ދިވެހި ޓީމާ އެކު އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވެސް ބައިވެރިވެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މެރަތަންގައި މޯޑާއި ރިޝްމީގެ އިތުރުން އަހުމަދު ޝަރަފް ވެސް އޮތީ ވާދަކުރާ ގޮތަށެވެ. އެކަމަކު، ފަހުން ޝަރަފް ވާދަކުރާ ހާފް މެރަތަން ކެޓަގަރީ ރޭހުން އުނިކުރުމުން އޭނާ އަށް ފުރުސަތު ގެއްލުނީ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުންތަގިމް، "އަދަދު" އަށް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ހެދި ރޭހަށް ގެނައި ބަދަލާ އެކު ޝަރަފަށް މުބާރާތް ގެއްލުނީ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝަަރަފް ލަންކާގައި ބާއްވާ މެރަތަންއެއްގައި ވާދަކުރާނެ ކަމަށާއި މިހާރު ޓްރެއިން ކުރަނީ އެ މެރަތަން އަށް ކަމަށް މުންތަގިމް ވިދާޅުވި އެވެ.
ޑާކާ މެރަތަންގެ ދިވެހި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ ނަސްރު އަކީ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިޔާ އެވެ. ނަސްރު ވަނީ މިހާތަނަށް 78 މެރަތަންގައި ދުވެފަ އެވެ.
މި މަހު 15 ވަނަ ދުވަހު އިންޑިއާގެ ނާގާލޭންޑްގައި ބާއްވަން ނިންމާފައި އޮތް ސައުތު އޭޝިިއަން ކްރޮސް ކައުންޓީ ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު، އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަން (އޭއެފްއައި) އިން ވަނީ އެ މުބާރާތް ފަސްކޮށްފަ އެވެ.
ކްރޮސް ކައުންޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރަން ނިންމާފައިވާ ދުވުންތެރިންނަކީ މުހައްމަދު އިރުފާން، ހުސައިން ފަޒީލް ހާރޫން، ޔޫސުފް އިބްރާހިމް، އިބްރާހިމް އާދަމް، އާބިދު އަހްމަދު ސިރާޖު އަދި ޝައިހާން މުހައްމަދެވެ. ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ނަސްރުގެ އިތުރުުން އަބްދުﷲ އިބްރާހިމް (އަބްޅޯ) އެވެ.











