ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖެއް ކ. ރަންނާޅި ރިސޯޓު ކައިރީ އޮތް ފަރަކަށް ރޭގެ ވަގުތެއްގައި އަރައިފި އެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްގެ ޓްވީޓެއްގައި ބުނީ 24 މީޓަރުގެ "މެކުނު" ބާޖު ފުން ކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެފްއެސްއެމް އިން މައުލޫމާތުދޭ ގޮތުގައި ބާޖު ފަރަށް އެރިއިރު އެ ބާޖުގައި 90،000 ލީޓަރު ޑީސަލާއި 8،000 ލީޓަރުގެ ޕެޓްރޯލް ބަރުކޮށްފައި ހުއްޓެވެ. މީގެ ތެރެއިން އެއްވެސް ތެލެއް ކަނޑަށް ލީކު ނުވާ ކަމުގެ ޔަގީންކަން އެފްއެސްއެމް އާއި އެމްއެންޑީއެފްއިން ދެ އެވެ.
އެފްއެސްއެމްގެ އެހެން ބާޖަކުން ދަނީ ދިޔަވަރު ބޮޑުވާ ގަޑީގައި ފަރަށް އެރި ބާޖުގައި ހުރި ތެޔޮ ހުސްކުރަން ތައްޔާރުވަމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "އަދަދު"އަށް ވިދާޅުވި އެވެ.
"މެންދުރު 2:00 ހާއިރު ބޮޑު ދިޔަވަރު ލިބޭ ގަޑީގައި ބާޖާ ކައިރި ކުރެވޭނެ. އޭގައި ހުރި ތެޔޮ ހުސްކުރާނީ އެ ބާޖަށް," އޭނާ ވިދާޅުވި އެވެ.

މި ބާޖުގައި ހުރި ތެޔޮ ހުސްކޮށް ނިމުމުން، ބާޖު ފުންކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ގަސަމް ވިދާޅުވި އެވެ.













