އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ހިންގާ "ޔޫތް ފޯ އޭޝިޔާ" ޕްރޮޖެކްޓުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކުރުމަށް ހިންގާ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޓޯލް ޔޫތް ކްލައިމެޓް ލީޑާޒް، އޭވައިސީއެލް ޕްރޮގްރާމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުންނަށް އަމާޒުކޮށް އޭޑީބީން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކޮންމެ ގައުމަކުންވެސް 15 ބައިވެރިންނަށެވެ. ބައިވެރިންނަށް ދަތުރު ހަރަދުގެ އިތުރުން ދުވާލަކަށް 30 ޑޮލަރު ލިބޭނެ އިންތިޒާމް އޭޑީބީން ހަމަޖައްސަައިދޭނެ ކަމަށް އެންވަރަމެންޓް މިނިސްޓްރީން ހާމަކުރި އެވެ.
އޭވައިސީއެލް ޕްރޮގްރާމަކީ ކޮބާ؟
ޖަޒީރާ ރަށްތަކުގެ ރައްޔިތުން, ތިމާވެއްޓަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގޭ މި ޕްރޮގްރާމުގައި ދިވެހި ރާއްޖޭގެ އިތުރުން ކިރިބާޓީ، މާޝަލް އައިލެންޑްސް އަދި ޓުވާލޫފަދަ ގައުމުތަކުން ބައިވެރިވާނެ އެވެ.
މިކަމަށް ޝައުގުވެރިވާ، އުމުރުން 18 އާއި 30 އަހަރާ ދެމެދުގެ މީހުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ޕްރްގްރާމުގެ ބައިވެރިންނަށް އަމާޒުކޮށް 50 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގާނެ އެވެ. މީގެ ތެރެއިން ބައެއް ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އޮންލައިކޮށެވެ. އަދި އަނެއްބައި ޓްރެއިނިންތައް ހިންގޭނީ ފިޒިކަލްކޮށެވެ.
އަންނަ މަހުގައި ފެށިގެންދާނެ މި ޓްރެއިނިންގެ އެކި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހާއި ހަމައަށް 50 ދުވަސް ހަމަވާ ގޮތަށް ބަހާލައިގެން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ބައިވެރިންނަށް ހިންގޭ ތަމްރީނުތައް ބިނާވާ ކަންކަން;
- މޫސުމަށް އަންނަ ބަދަލުތައް ހޯދާ ދިރާސާކުރުމާއި އިތުރަށް ކުރިމަގު ހޯދޭނެ ގޮތްތައް ބެލުން
- މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ދެނެގަތުމަށްޓަކައި ޑޭޓާ ހޯދުން
- މުޖްތަމައު އާއި ޒުވާނުން ބާރުވެރި ކުރުވޭނެ ގޮތްތައް
- ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައް
ގާބިލްކަމާއި ތަޖުރިބާ
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދިނެވެ. ބައިވެރިންގެ ކިބައިގާ މޫސުމީ ބަދަލުތަކާއި އެކަމުގެ ސަބަބުން ޖަޒީރާ ރަށްތަކަށް ކުރާ އަސަރުތަކާ ބެހޭ އާންމު މައުލޫމާތު ހުރުން މުހިންމެވެ. އަދި މި ޕްރޮޖެކްޓުގައި ހަރަކާތްތެރިވެ އުޅުމުގެ ޝައުގުވެރިކަމާއި ގާބިލުކަން ހުރުންވެސް މަޖުބޫރެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން ލިޔެކިޔަން ފަރިތަ ވާންވެސް ޖެހޭނެ އެވެ.
ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އެޕްލައި ކުރާމީހުންގެ ތެރެއިން އަންހެނުންނަށް 50 ޕަސެންޓު އަދި އަތޮޅުތެރެއިން އެޕްލައި ކުރާ މީހުންގެ 30 އިންސައްތަ މީހުންނަށް ފުރުސަތު ލިބޭނެހެންނެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ހޮވޭ މީހުންގެ 20 ޕަސެންޓު މިފަދަ މީހުންނަށް ހާއްސަކުރުމަށް ވެސް އޭޑީބީން ނިންމާފައިވެ އެވެ.
ޝަރުތުތައް ފުރިހަމަ ވާ ކޮންމެ މީހަކަށް ވެސް މި ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. ބައިވެރިން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހު 31 ވަނަ ދުވަހެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި އެންވަރަމެންޓް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުވުމަށް މަގުފަހިވެގެން ދާނެކަމަށް އެންވަރަމެންޓް މިނިސްޓްރީން މައުލޫމާތުދިނެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ޕަލާއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަވާ އޯޝަން ކޮންފަރެންސް" ގައި ބައިވެރިވުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.












