ސޯލާ ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމެއް ހިންގަން ފެނަކައާ ހަވާލުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައާ މިއަދު ހަވާލު ކުރީ 2030ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ކާބަން އެމިޝަންސް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެެކެވެ.
މި ޕްރޮގްރާމްގެ އަނެއް މަގްސަދަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.
ފެނަކައިން ބުނީ އެ މަޝްރޫއުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާ ނިޒާމްތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތު މީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެއް ކަމަށެވެ. އަދި މާލީ ބޮޑު ތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށް ގަނެވޭނެ ކަމަށެވެ.
އެ މަޝްރޫ ފަށަނީ އެންވާރްމެންޓް މިނިސްޓްރީން ޖުމްލަ 20 މިލިއަން ރުފިޔާ ހަރަދުކޮށް ފެނަކައާއެކު 1000 ގޭގައި ސޯލާ ޓީވީ ހަރުކުރުމަށް ކަމަށް އެންވާރްމެންޓް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ލަފާކުރާ ގޮތުގައި އެ ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ އެވެ.










