ތިން މީހުންނާއެކު ފ. ފީއަލިން މާލެއަށް ދަތުރުކުރަމުން ދިޔަ "އަލަމާ-5" ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، 32 ހޯދަން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ގެއްލިގެން ހޯދަމުންދާ ދ. މީދޫއަށް ނިސްބަތްވާ 65 ފޫޓުގެ އަލަމާ ދޯނި ގެއްލުނު އިރު އޭގައި ތިބީ ކައްޕި އާއި ބަންގްލަދޭޝްގެ ދެ ފަޅުވެރިއެކެވެ. މިހާތަނަށް ފެނުނީ މި ދެ ފަޅުވެރިން އެކަންޏެވެ. އެއީ ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ.
މި ދެ މީހުން ކޯސްޓްގާޑުން ސަލާމަތްކުރީ، ކަނޑުވިތާ 24 ގަޑިއިރު ފަހުން އަސަދުލް އިސްލާމުގެ ފޯނަށް ގުޅޭގޮތް ވުމުން އެ މީހުން ތިބި ތަން ހޯދައިގެން އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފެނުނުއިރު އެ މީހުން ތިބީ ދޯނިން ކަނޑަށް ފުއްމާލަން ތައްޔާރުކުރި ފުޅިމަދު ފޮއްޓަކާއި ހަންބުރި ތަކެއްގައި އެލިގަނެގެނެވެ.
މި މީހުން ފެނިގެން ކޯސްޓްގާޑުގެ ސީއެމްބިއުލާންސަކަށް ނެގީ އިއްޔެ ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިންނެވެ. އެއީ ދޯނި ދިޔަވާން ފެށި ހާދިސާ ހިނގި ސަރަހައްދާ ގާތްގަނޑަކަށް 20 މޭލު ދުރުންނެވެ.
ފަޅުވެރިންނާ ހަވާލާދީ ޝަފީގުގެ އާއިލާ މީހަކު މި ނޫހަށް ބުނި ގޮތުގައި، އެ މީހުންނަށް ޝަފީގު ގެއްލުނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

ސީދާ ގަޑި ނޭނގުނު ނަމަވެސް އެ މީހުން ބުނާ ގޮތުން ފޯނަށް ރޭންޖު ލިބިމުގެ ކުރިން ކައްޕި އެ މީހުންނާ ވަކިވެއްޖެ އެވެ. އަދި ބުނީ، ޝަފީގު ފަތައިގަތީ ކޮންމެވެސް ރަށެއްގެ އަލިކަން ފެނިގެން އެދިމާލަށް ކަމަށެވެ. އެފަހުން ދެތިން ފަހަރު އޭނާއާ ވާހަކަދެއްކުނު ކަމަށާއި ފަހުން ނުފެންނަ ކަމަށް ފަޅުވެރިންތައް ބުންޏެެވެ.
އެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓުގާޑާއެކީ ފުލުހުންގެ ލޯންޗުތަކާއި ޓީއެމްއޭގެ ސީޕްލޭންތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން މި ސަރަހައްދުން ދަތުރުކުރާ ޑޮމެސްޓިކް ފްލައިޓުތަކާއި ދޯނި ކުއްޔަށް ނަގައިގެން އުޅޭ ކުންފުުނިން ވެސް އަންނަނީ އެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.












