ރާއްޖޭގައި އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނި ކުރުން އިތުރު ވެފައިވާ ކަމަށާއި ނަމަވެސް އަނބިދަރިންނަށް ހަރަދު ކުރޭތޯ ކޯޓުތަކުން ނުބަލާކަން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފާހަގަކޮށްފި އެވެ.
އެޗްއާރްސީއެމްއިން އާންމު ކުރި އެ އަހަރީ ރިޕޯޓުގައި ބުނީ 2015 އިން 2019އަށް ޝާއިރުކޮށްފައިވާ ޝަރުއީ ދާއިރާގެ ތަފާސް ހިސާބަށް ބަލާލާއިރު ކޮންމެ އަހަރަކު އެވެރެޖްކޮށް 169 މީހުން އެއް އަންބަތްވުރެ ގިނަ އަނބިންނާ ކާއިވެނިކޮށްފައިވާ ކަމަށެވެ. އެއީ ހަތަރު އަހަރަށް ބަލާނަމަ ޖުމްލަ 845 މީހުންނެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ޝާއިރުކޮށްފައިވާ ސާކިއުލާގައި އެއް އަނތްބަށް ވުރެ ގިނަ އަނބީންނާ ކައިވެނިކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ހަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް އަނބިމީހާގެ ބަޔާންނެއް ނަގަން ޖެހެ އެވެ.
"އެއް އަނތްބަށް ވުރެ ގިނަ އަނބީންނާއި ކައިވެނިކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ހަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކުން އަނބިމީހާގެ ބަޔާން ނަގަމުންދިޔަ ނަމަވެސް މިހާރަކަށް އައިސް ބައެއް ކޯޓުތަކުން، ކޯޓުގައި ހަރަދުގެ ރެކޯޑެއް ނެތްނަމަ އެއީ އަނބިދަރީންނަށް ހަރަދުކުރާ މީހެއްކަމުގައި ބަލައި، އަނބިމީހާގެ ބަޔާން ނެގުމަކާ ނުލައި، ކައިވެނިކޮށްދެމުން ދާކަން ފާހަގަކުރެވޭ." އެޗްއާރްސީއެމްގެ ރިޕޯޓުގައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން 2015 އިން 2019 އަށް ޝާއިރުކޮށްފައިވާ ޝަރުއީ ދާއިރާގެ ތަފާސް ހިސާބަށް ބަލާލާއިރު ދަރިންގެ ހަރަދާ ގުޅޭގޮތުން އެވެރެޖްކޮށް އަހަރަކު 456 މައްސަލަ ހުށަހެޅިފައިވެ އެވެ. ދަރިންގެ ހަރަދު މެކެނޑުމާ ގުޅޭގޮތުން 85 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެ އިދާރާގެ ތަފާސްހިބުތަކުން ދައްކަ އެވެ.

2017ވަނަ އަހަރު މޯލްޑިވްސް ޑިމޮގްރަފިކްގެ ހެލްތް ސާވޭއަކުން ދެއްކި ގޮތުގައި ރާއްޖޭގައި އަންހެނުން އަލަތު ކައިވެނިކުރާ އުމުރަކީ 20 އަހަރެވެ. ފިރިހެނުން ކައިވެނި ކުރާ އުމުރަކީ 24 އަހަރެވެ.
ނޭޝަނަަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު މިދިޔަ އަހަރުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު 10 އަހަރު ތެރޭގައި ރާއްޖޭގައި 54،891 ކައިވެނިކޮށްފައިވެ އެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި 35،120 ވަރި ކޮށްފައިވެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 10 އަހަރު ތެރޭގައި އެންމެ ވަރި މަދީ 2020 ވަނަ އަހަރެވެ. އެ އަހަރު 2,984 ވަރި ކޮށްފައިވާ އިރު، އެ މުއްދަތުގައި އެންމެ ކައިވެނި މަދީވެސް 2020 ވަނަ އަހަރު އެވެ. އެގޮތުން އެ އަހަރު ކޮށްފައި ވަނީ 4,998 ކައިވެންޏެވެ.












