މެޑްރިޑް (ޖެނުއަރީ 3) - ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން މަޔޯކާ ބަލިކޮށް ބާސެލޯނާ އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ކޮވިޑް-19 އާއި އަނިޔާގެ މައްސަލަަތަކުގެ ސަބަބުން ބާސެލޯނާ އިން ރޭ ކުޅުނީ ފުރަތަމަ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް 17 ކުޅުންތެރިން ނުލަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޑެނީ އަލްވޭސް، އޮސްމާން ޑެމްބެލޭ، ޖޯޑީ އަލްބާ، ފިލިއްޕޭ ކުޓީނިއޯ، ގަވީ އަދި ސާޖީނިއޯ ޑެސްޓް ހިމެނެ އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ގެޓަފޭ އަތުން ބަލިވިއިރު، ރެއާލް އެއް ވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓާ އެކު އެވެ.
ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް ރޭ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓަ ވިގޯ އަތުން ބަލިވެފަ އެވެ. ބެޓިސް އަށް ވަނީ 19 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ 2-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް 19 މެޗުން 32 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ ފަސް ވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.
މަޔޯކާ ދަނޑުގައި ރޭ ކުޅުނު މެޗު ޝަރަފްވެރިކޮށްދިނީ ދާދި ފަހުން ކެމަރޫންގެ ފުޓްބޯޅަ އެސޯސިއޭޝަން ރައީސަކަށް އިންތިހާބުވި ސެމުއެލް އެޓޫ އެވެ. އެޓޫ ވަނީ އޭނާގެ ކުޅުމުގެ ކެރިއަރުގައި މަޔޯކާ އާއި ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކޮށް، އެ ދެ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ.
ރޭގެ މެޗު ފަށައިގެން ހިލޭ ޖެހުމަކުން ބާސެލޯނާގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޖެރާޑް ޕީކޭ އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މެޗުގެ 28 ވަނަ މިނިޓްގައި ބާސެލޯނާގެ ނެދަލެންޑްސް ފޯވާޑް ލޫކް ޑި ޔޯން ޖެހި ބޯޅައެއް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެ މިނިޓެއް ފަހުން ޑި ޔޯން ޖެހި އޯވަހެޑް ކިކް އަމާޒުވީ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުުމުގެ ކުރިން ބާސެލޯނާގެ ހަމައެކަނި ގޯލު ޖެހީ މެޗުގައި މޮޅަށް ކުޅުނު ޑި ޔޯން އެވެ. އޮސްކާ މިންގޭޒާ ނެގި ހުރަހަކުން ޑި ޔޯން މި ގޯލު ޖެހީ ބޮލުންނެވެ.
ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ދެ ވަނަ ހާފުގައި ޕީކޭ ބޮލުން ޖެހި ބޯޅަ މަޔޯކާގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރަން މެޗުގެ އިތުރު ވަގުތުގައި މަޔޯކާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން މަޔޯކާގެ ޖައުމީ ކޮސްޓާ ޖެހި ބާރުބޯޅަ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.












