މިދިޔަ ހުކުރު ދުވަހު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން މޫދަށް އެރި އުޅެނިކޮށް އެ ސަރަހައްދުން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިރޭ ބުނެފި އެވެ.
ހދ. ކުމުންދޫ، އަރާއިރު، ޝުރެއިހު ހަސަން، 21، ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނެވެ. އެވަގުތުން ފެށިގެން ޝުރައިހު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު ޑިވިޝަނުން ދަނީ ކުރަމުންނެވެ.
ސިފައިން ބުނީ ޝުރައިހު ހޯދުމަށް ކަނޑުގެ 55،000 އަކަމީޓަރު ފުޅި އަޅައި ފީނައިގެން ބަލާފައިވާ ކަމަށެވެ. ކަނޑު މަތިން ސްނޯކަލްކޮށްގެން 36،000 އަކަމީޓަރު ހޯދާފައިވާ ކަމަށް ވެސް ސިފައިން ބުނެ އެވެ. އަދި އޭނާ ހޯދުމަށް ގިރާވަރު ކަނޑުގެ 70 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ ޝުރައިހު ގެއްލުނީ ބޯވަ ނަގަން އުޅުމުގެ ތެރޭގައި، ބާރު އޮޔާއެކު ވާދޫ ކަނޑަށް ދަމައިގަތުމުން ކަމަށް ބެލެވޭ ކަމަށެވެ.
ޝުރައިހު ކަނޑުމަތީގައި ސަލާމަތް ކުރުމަށް ގޮވި ކަމަށް އޭނާއާއެކު ބޯވަ ނަގަން އުޅުނު މީހުން ބުނެފައިވެ އެވެ. ނަމަވެސް އޭނާއާއެކު ބޯވަ ނަގަން ދިޔަ އަނެއް ދެ މީހުންނަށް ޝުރައިހު ގެއްލި، ސަލާމަތް ކުރެވޭ ގޮތް ނުވީ ކަމަށްވެ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ޝުރައިހަކީ ސްޓޭޓް ޓެރޭޑިން އޯގަނައިޒޭޝަނުގެ ވެހިކަލް ގުދަނެއްގައި ތަމްރީނެއް ފުރިހަމަ ކުރަމުންދާ މީހެކެވެ. ދިރިއުޅެމުންދިޔައީ ވިލިމާލޭގަ އެވެ. ބޯވަ ނަގަންދިޔައީ ހުކުރު ދުވަހު ހަވީރު ބާބަކިއު ހެދުމަށް ކަމަށްވެ އެވެ.













