ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަންނަ އަހަރު މަނާ ކުރުމަށް ނިންމާފައިވާ ޕްލާސްޓިކުގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސްގެ ގަރާރުގެ ދަށުން މިއަދު ވަނީ ޕްލާސްޓިކުގެ 10 ބާވަތެއް ރާާއްޖެ އެތެރެ ކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފަ އެވެ. އެއީ:
- އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
އޭގެ ތެރެއިން ޕްލާސްޓިކު ކޮތަޅާއި ކުދި ޝޭމްޕޫ ފުޅި ފަދަ ތަކެއްޗާއި ކުދި ފެންފުޅި ފިޔަވައި ހުރިހާ ތަކެއްޗެއް އަންނަ ޖޫން މަހުން ފެށިގެން މަނާ ވާނެ އެވެ. އެ ތަކެތި މަނާ ވާނީ 2023 ވަނަ އަހަރެވެ.
ޕްލާސްޓިކް މަނާ ކުރުމުގެ އިސްލާހު ރައީސް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މީގެ ކުރިން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ތަކެތި ރާއްޖެ އެތެރެ ކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ވަކި ސައިޒަކަށްވުރެ ކުދި ކޮތަޅާއި ޕްލާސްޓިކުގެ ބަންދުކޮށްފައި ހުންނަ ސުޕާރީ ޕެކެޓް ފަދަ ތަކެތި ހިމެނެ އެވެ.













