ލެސްޓާ (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެ، ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 19 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ޗެލްސީން ބްރައިޓަނާ ކުޅޭ މެޗާއި ސިޓީން ބްރެންޓްފޯޑާ ބައްދަލުކުރާ މެޗަށް ފަހު ލިވަޕޫލްގެ މަގާމަށް ބަދަލު އަންނާނެ އެވެ.
މިދިޔަ ހަފްތާގައި ލިވަޕޫލުން ވަނީ ފަހަތުން އަރައި ޕެނަލްޓީ ޖަހައިގެން ލީގު ކަޕްގައި ލެސްޓާ ކަޓުވާލައިފަ އެވެ. އެކަމަކު، މި މެޗުގައި ލެސްޓާ އިން ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް އިތުރު ފުރުސަތެއް ނުދީ މެޗުން މޮޅުވެފަ އެވެ.
މިރޭގެ މެޗުގެ 15 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދޭން ރަނުގެ ފުރުސަތެއް ލިބުނީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހު އަށެވެ. ސަލާހަށް ވިލްފްރިއެޑް އެންޑީޑީ ކުރި ފައުލަކަށް ދިން ޕެނަލްޓީން ސަލާހު ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެޝްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތްއިރު، ދެ ވަނަ ފަހަރު ސަލާހު ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ނުކުތުމުން ދެން ފޮނުވާލި ބޯޅަ ރަނގަޅަށް ފައިގައި ލައްވައި ނުލި އެވެ.
މިއީ އެންމެ ފަހުން ޖެހި 16 ޕެނަލްޓީގެ ތެރެއިން ސަލާހު އަތުން ޕްރިމިއާ ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ. ސަލާހު އަތުން އެންމެ ފަހުން ލީގުގައި ޕެނަލްޓީ އެއް ނާކާމިޔާބުވީ 2017 ވަނަ އަހަރު ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށެވެ. މި ސީޒަނުގައި އޭސީ މިލާނާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ސަލާހު ޖެހި ޕެނަލްޓީ ވެސް ކާމިޔާބެއްނުވި އެވެ.
އޭގެ ފަހުން އޭރިއާތެރެއިން ސަލާހު ޖެހި ބޯޅައެއް ވެސް ކީޕަރު ޝްމައިކަލް ވަނީ ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފް ފަށައިގެން ވެސް ލިވަޕޫލަަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މުޅިން ހުސްކޮށް އޭރިއާތެރެއިން ސަޑިއޯ މާނޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުން ލެސްޓާ މޮޅުކޮށްދިން ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި އެޑަމޯލާ ލުކްމަން އެވެ. އޭރިއާތެރެއިން މެޗުގެ 59 ވަނަ މިނިޓްގައި ލުކްމަން ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. ބަދަލުތަކެއް ގެނެސްގެން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މިއީ ލީގުގައި ރަށުންބޭރުގައި އެންމެ ފަހުން ކުޅުނު 29 މެޗުން ލިވަޕޫލަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އަދި މި ފަހަރު ލީގުގައި 19 މެޗު ކުޅުނުއިރު، ބަލިވި ދެ ވަނަ ފަހަރެވެ.
މިރޭ އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ސައުތެމްޓަން އަތުން ޓޮޓެންހަމް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސައުތެމްޓަންގެ ކެޕްޓަން ޖޭމްސް ވޯޑް ޕްރައުސްގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް ހެރީ ކޭން ވަނީ 41 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ސައުތެމްޓަންގެ މުހައްމަދު ސަލިސޫ އޭރިއާތެރެއިން ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ފައުލާ އެކު ސަލިސޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސައުތެމްޓަން ކޮޅަށް ޓޮޓެންހަމްގެ ކޭން އާއި މެޓް ޑޮހަޓީ ވަނީ ގޯލު ޖަހައިފަ އެވެ. އެކަމަކު، މި ދެ ގޯލު ވެސް ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓްް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
މެޗުން މޮޅުވެގެން ފަސް ވަަނަ އަށް އެރުމުގެ ފުރުސަތު އޮތް ޓޮޓެންހަމް އޮތީ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ މިރޭ ވަޓްފޯޑް ދަނޑުގައި 4-1 އިން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ހަތަރު ވަނައިގައި އާސެނަލް އޮތީ 19 މެޗުން 35 ޕޮއިންޓާ އެކު އެވެ. ފަހެއްގައި އޮތް ވެސްޓް ހޭމް އަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް، ހަ ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.












