އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން މި މަހުގެ 31 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި މިއުޒިކް ޝޯ އެއް ބާއްވަން ނިންމައި އެ ޝޯ އަށް އިންޑިއާގެ ބޮލީވުޑުގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަންކިތު ތިވާރީ ގެންނަން ޔޫތު މިނިސްޓްރީން ހަމަޖައްސައިފި އެވެ.
"މަރުހަބާވީސް" ގެ ނަމުގައި ހުޅުމާލޭ ދުވާ ޓްރެކް ސަރަހައްދުގައި ބާއްވާ ޝޯ ގައި ދިވެހި ފަންނާނުން ވެސް ލަވަކިޔާނެ އެވެ.
އަންކިތުއަކީ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ކުޅަދާނަ މިއުޒިކް ޕްރޮޑިއުސަރެކެވެ. އޭނާ ބޮލީވުޑްގެ ކެރިއަރު ފަށާފައިވަނީ ޕްރަޑީޕް ޝަރްދަކަރްއާ އެކު އެވެ.
އަންކިތުގެ އެންމެ މަޝްހޫރު އެއް ލަވައެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ 2014 ވަނަ އަހަރު ނެރެފައިވާ "ގަލިޔާން" އެވެ. މިލަ ވަނީ ފިލްމްފެއާ އެވޯޑްސްގެ ދެ ނޮމިނޭޝަންއަކަށް ހޮވިފަ އެވެ. މީގެ އިތުރުން ބޮލީވުޑްގެ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު ވެސް އޭނާ ވަނީ ހާސިލްކޮށްފަ އެވެ.
އޭނާ އަކީ 2014-2020 ގެ މުއްދަތުގައި އަރީޖިތު ސިންގް ފިޔަވައި މި އެވޯޑް ހާސިލްކުރި ހަމައެކަނި ފަންނާނެވެ.

އޭނާގެ ފާހަގަކޮށްލެވޭ އެހެން ލަވަތަކުގެ ތެރޭގައި "އާޝިގީ 2" ގެ ލަވަތައްވެސް ހިމެނެ އެވެ.
މި ޝޯއަކީ ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ ބައިވެރިކޮށްގެން ހިންގާ ހަރަކާތެކެވެ.












