އަންނަ މަސް ތެރޭ ފީފާ ތާރީހުގައި ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެން ނޭޕާލްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންނަ މަސް ތެރޭ ރާއްޖެއާ ދެކޮޅަށް ނޭޕާލުން ދެ މެޗު ކުޅުމުގެ ކަންކަން މިހާރު އަންނަނީ މަޝްވަރާ ކުރެވެމުންނެެވެ. މެޗުތައް ކުޅޭނީ ނޭޕާލުގެ ޕޮކާރާ ސްޓޭޑިއަމްގައި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އެފްއޭއެމުން ބުނީ ދެ މެޗެއް ކުޅެން ނޭޕާލްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެފްއޭއެމް އިން ބޭނުންވަނީ ނޭޕާލް ޓީމު ރާއްޖެ ގެނެސްގެން މެޗު ކުޅުމަށެވެ. އެކަމަކު، ނޭޕާލުން އެދެނީ ރާއްޖޭގެ ޓީމު ނޭޕާލަށް ގޮސް މެޗު ކުޅުމަށެވެ.
އެނގިފައިވާ ގޮތުގައި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަންނަ މަސް ތެރޭގައި ގައުމީ ޓީމުގެ އެއް މެޗު ކުޅެން ބޭނުންވެ އެވެ.
ނޭޕާލާ ދެކޮޅަށް މެޗު ކުޅެން ލިބިފައި މިވާ ފުރުސަތުގެ ބޭނުންހިފުމާ ބެހޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހަވާލުވި އިޓަލީގެ މޮރިއޭރޯގެ ކޯޗުކަމުގައި ނޮވެމްބަރު މަސް ތެރޭ ގައުމީ ޓީމުން ސްރީ ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ވާދަކުރި އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ލަންކާއާ 4-4 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގެ ފަހު ވަގުތު ބަންގްލަދޭޝް އިން ޕެނަލްޓީއެއް ޖަހައި 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރި އެވެ. އަދި ފަހު މެޗުގައި ރާއްޖެ ވަނީ ސީޝެލްސްއާ 0-0 އިން އެއްވަރުވެ، މޮޅެއް ނުލިބި މުބާރާތުން ކަޓައިފަ އެވެ.
އެ މުބާރާތުގައި ސީޝެލްސް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ އޭނާ ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ކަންކަން ބަލައި، ޕްރިމިއާ ލީގުގެ މެޗުތައް ދިރާސާކޮށް، ޓީމެއް އެކުލަވާލައިގެން ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރާނެ ކަމަށެވެ.
ދާދިފަހުން އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓޯ އަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ދިވެހިން އެދޭ ނަތީޖާތަކެއް ގައުމީ ޓީމުގެ ކޯޗަކަށް ހުރެ ނެރެދޭން ބޭނުންވާ ކަމަށެވެ. މޮރިއޭރޯ އަންނަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކާއި ޓީމުތަކުގެ ޕްރެކްޓިސްތައް ވެސް ބަލަމުންނެވެ.
މާލޭގައި މި ފަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ވަނީ 1-0 އިން ބަލިކޮށް ފުރަތަމަ ފަހަރު އެ މުބާރާތުގައި ރާއްޖެ ބަލިކޮށްފަ އެވެ. ސާފްގެ ފައިނަލަށް ފުރަތަމަ ފަހަރަށް މި އަހަރުގެ މުބާރާތުގައި ނޭޕާލް ގެންގޮސްދިން ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީ ވަނީ އެ މުބާރާތަށް ފަހު މަގާމުން ވަކިވެފަ އެވެ. އެކަމަކު، ފަހުން. މުތައިރީ ވަނީ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނޭޕާލް ޓީމާ ހަވާލުވެފަ އެވެ.
ރާއްޖެ އާއި ނޭޕާލް އެންމެ ފަހުން ނޭޕާލުގައި ކުޅުނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަ އެވެ. ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނޭޕާލް މޮޅުވީ 2-1 އިންނެވެ.












