ލަންޑަން (ޑިސެމްބަރު 24) - ކޮވިޑް-19ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ކުޅެން އޮތް ދެ މެޗެއް ފަސްކުރަން ނިންމައިފި އެވެ.
ފަސްކުރި ދެ މެޗަކީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ކުޅެން އޮތް މެޗާއި ވުލްވްސް އާއި ވަޓްފޯޑް ބައްދަލުކުރަން އޮތް މެޗެެވެ. ދެ މެޗު ފަސްކުރަން ނިންމި ސަބަބެއް ކަމަށް ޕްރިމިއާ ލީގުން ބުނެފައިވަނީ އެ ޓީމުތަކުގެ ކުޅުންތެރިންނަށް ކޮވިޑް-19 ޖެހިފައިވާ ނިސްބަތް އިތުރުވުމާއި ބަލިވެ އުޅޭ ކުޅުންތެރިން އެ ޓީމުތަކުގައި ގިނަވުމުން ކަމަށެެވެ.
ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުނު ޕްރިމިއާ ލީގުގެ މެޗުތަކުގެ އަދަދު ވަނީ މިހާރު 12 އަށް އަރައިފަ އެވެ. ޕްރިިމިއާ ލީގުގެ ބޯޑުން ކްލަބްތަކާ ދާދި ފަހުން ބައްދަލުކުރުމަށް ފަހު ނިންމީ ލީގު މެދުކަނޑާނުލައި ކުޅެވޭ މެޗުތަކާ އެކު ކުރިއަށް ދިއުމަށެެވެ.
މި ހަފްތާގައި ބާންލީ އާއި އެވަޓަން ކުޅެން އޮތް މެޗު ފަސްނުކުރާތީ އެވަޓަންގެ ކޯޗު ރަފައެލް ބެނިޓޭޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ފަހުން އެވަޓަން މެޗެއް ކުޅުނީ މި މަހު 16 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން އެވަޓަން އިން ލެސްޓާ ސިޓީއާ ކުޅެން އޮތް މެޗު ފަސްކުރީ ކޮވިޑާ ހެދި އެވެ.
ބެނިޓޭޒް ބުނީ އެވަޓަންގައި މި ވަގުތު ސީނިއާ ޓީމުގައި ބޭނުން ކުރެވޭނެ ކުޅުންތެރިންނަށް ބަލާއިރު، ފިޓްކޮށް ތިބީ ޖުމްލަ އެއްކޮށް 11 ވަރަކަށް ކުޅުންތެރިން ކަމަށެވެ. އެ ކްލަބްގެ ހާލަތަށް ބަލާއިރު، މި ހަފްތާގެ މެޗު ފަސްކުރަން ޖެހޭނެ ކަަމަށް ބެނިޓޭޒް ގަބޫލުކުރެ އެވެ.
ކޮވިޑްގެ ސަބަބުން މި ފަހުން އެންމެ ގިނަ މެޗު ފަސްކުރަން ޖެހުނު އެއް ޓީމަކީ ވަޓްފޯޑް އެވެ. މީގެ ކުރިން ވަޓްފޯޑުން ބާންލީ އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ވެސް ފަސްކުރަން ޖެހުނުއިރު، ވުލްވްސް މެޗާ އެކު ވަޓްފޯޑްގެ ތިން މެޗެއް މި ވަނީ އަލުން ރީޝެޑިއުލްކުރަން ޖެހިފަ އެވެ.
ލިވަޕޫލާއި ލީޑްސް މެޗު ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މި ހަފްތާގެ މެޗުތަކުގެ ކުރިން ކުރި ޓެސްޓްތަކުން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ކްލަބްގެ ޓްރެއިނިން ދަނޑު ބަންދުކުރަން ޖެހުމުންނެވެ.












