ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޝެޑިއުލް ޗާޓަރު އެއާލައިން ތަކުގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ ފިނި މޫސުމާ ދިމާކޮށް އަށް އެއާލައިނަކުން ރާއްޖެ އަށް ޗާޓަރު ދަތުރުތައް ފަށާފައިވާ ކަމަށާއި ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު، ފިނި މޫސުމުގައި، ރާއްޖެ އަށް ޗާޓަރު ދަތުރު ކޮށްފައިވަނީ ތިން އެއާލައިނުން ކަމަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް ޗާޓާރު ދަތުރުކުރީ ހަތަރު އެއާލައިނަކުންނެވެ.
"އީސްޓަން ޔޫރަޕް، ރަޝިޔާ، ސެންޓްރަލް އޭޝިޔާގެ ގައުމު ތަކުން ގިނަ ޗާޓަރުތައް މި އަންނަނީ، ފިނި މުސޫމުގައި ވަކި މުއްދަތަކަށް ޝެޑިއުލްކޮށް އެ އެއާލައިން ތަކުން ރާއްޖެ އަށް ދަތުރުކުރާނެ،" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަން، ހަސަން އަރީފު ވިދާޅުވި އެވެ.
މިހާރު ރާއްޖެ އަށް ދަތުރުތައްކުރާ އެއާލައިންތަކުގެ ތެރޭގައި އުޒްބަކިސްތާނު އެއާވޭސް އާއި ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިންސް އާއި ޕޮލެންޑުގެ ލޮޓް ޕޮލިޝް އެއާލައިން އާއި އަޒުރު އެއާ ރަޝިޔާ ފަދަ އެއާލައިންތައް ހިމެނެ އެވެ.
އަރީފު ވިދާޅުވި ގޮތުގައި ލިތުއޭނިއާގެ ކަލާސްޖެޓް އާއި ރަޝިޔާގެ ނޯޑްވިންގް އެއާލައިނުން އަންނަ މަހު ރާއްޖެ އަށް ޗާޓަރު ދަތުރުތައް ފަށާނެ އެެވެ. އޭނާ އިތުރަށް ވިދާޅުވީ އާ އަހަރު ފެށުމާ ދިމާކޮށް ވަރަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ވެސް މި ދުވަސްވަރު ވެލާނާ އިންޓްނެޝަނަލް އެއާޕޯޓަށް އަންނަމުން ދާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. ހާލަތު ބަދަލުވެ މިހާރު ދުވާލަކު ހައެއްކަ ހާސް ޓޫރިސްޓުން ރާއްޖެ އަންނައިރު، އެމްއޭސީއެލް އިން ދަނީ އެއާޕޯޓުގެ ހިދުމަތްތައް އަވަސްކުރުމަށް އިސްކަން ދީގެން މަސައްކަތް ކުރަމުންނެވެ.











