ބާސެލޯނާ (ޑިސެމްބަރު 22) - މެންޗެސްޓާ ސިޓީގެ ސްޕެއިން ފޯވާޑް ފެރާން ޓޮރޭޒް ގަންނަން ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ބާސެލޯނާގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.
އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ހަރަދުނުކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ޓީމަށް ހަމަޖެހުނު ބޭންކް ލޯނެއްގެ ސަބަބުން އާ ކުޅުންތެރިން ގަންނަން ހޭދަކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. އެހެންވެ، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އެދުމަށް ފެރާން ޓޮރޭޒް ގަންނަން ބާސެލޯނާ އިން ނިންމީ އެވެ.
ބާސެލޯނާ އިން ފެރާން ޓޮރޭޒް ގަންނަން ޖުމްލަ އެކު 73 މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ. ޖެނުއަރީ މަހު އެންމެ ފުރަތަމަ ދައްކާނީ 61 މިލިއަން ޑޮލަރެވެ. ބާކީ 12 މިލިއަން ޑޮލަރު ދައްކާނީ ބަހާލައިގެންނެވެ.
އުމުރުން 21 އަހަރުގެ ފެރާން ޓޮރޭޒް އަކީ ވެލެންސިއާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. ވެލެންސިއާގެ ސީނިއާ ޓީމާ 2017 ވަނަ އަހަރު ގުޅި އޭނާ ވަނީ އެ ޓީމަށް 97 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ނުވަ ގޯލު ޖަހައި 12 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ސިޓީ އަށް ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅެދިން 43 މެޗުން ވަނީ 16 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މިދިޔަ އޮކްޓޫބަރު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފެރާން ޓޮރޭޒް ހުރީ ކުޅުމާ ދުރުގަ އެވެ.
ސިޓީން މިދިޔަ އަހަރު ފެރާން ޓޮރޭޒް ގަތީ ވެލެންސިއާ އަށް 27 މިލިއަން ޑޮލަރު ދީފަ އެވެ. އެހެންކަމުން ބާސެލޯނާ އަށް ޓޮރޭޒް މި ވިއްކާލަނީ ބޮޑު ފައިދާ އަކަށެވެ. ގާތްގަނޑަކަށް މި ޑީލް އެއްކޮށް ނިމޭއިރު، ސިޓީ އަށް 46 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ އެވެ.
ސިޓީގެ އޮފިޝަލުންނާއި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާއާ ގުޅުން ރަނގަޅެވެ. ސިޓީގެ ސީނިއާ އޮފިޝަލުން ކަމަށްވާ ޓިކްސީ ބެރިގިސްޓެއިން އާއި ފެރާން ސޮރިއާނޯ ވަނީ މީގެ ކުރިން ލަޕޯޓާގެ ދަށުން ބާސެލޯނާގައި މަސައްކަތްކޮށްފަ އެވެ.












