މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން މިރޭ އަލުން ގުރު ނެގުން ބާއްވަން އޮތް ނަމަވެސް އަންނަ މަހަށް ފަސްކޮށްފި އެވެ.
ޒޯންތައް ލިބުނު މީހުންގެ ގުރުނެގުން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހެވެ. ޕާކިން ޖާގަތައް ދޫކުރުމަށް ނެގި ގުރު ނެގުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެކަމާ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފައި ވަނީ ޕާކިން ސްލޮޓްތަކުގެ ގުރުނެގުން މިރޭ ނުވައެއް ޖަހާއިރު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޕާކިން ސްލޮޓްތަކަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ވެސް ދައުވަތު ދިނެވެ.
ނަމަވެސް މިއަދު ހެނދުނު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށް ގުރުއަތުލުން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމާސް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް, އެކަމުގައި ގޯސްތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.












