އެމްޓީސީސީގެ އަމާޒު މިހާރަށް ވުރެ ފުޅާކޮށް، ކުންފުނީގެ މިސްރާބު ރާއްޖޭން ބޭރަށް ސީދާކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީއަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭން ބޭރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގެ ތަޖުރިބާ އާއި ގާބިލްކަން އެ ކުންފުނީގައި ހުންނާނެ ކަމަށެވެ.
"އެމްޓީސީސީގެ މިސްރާބު ގާދޫ ކޮލުން ބޭރަށް ވެސް ސީދާކުރުމުގެ ވަގުތު މިއޮތީ ޖެހިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށްރަށް، ބްރިޖަކުން ނުވަތަ ފާލަމަކުން ގުޅައިލުމުގެ މަސައްކަތް ފެށުމުގެ އަމާޒަށް ދިއުމަށް އެމްޓީސީސީން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުންފުނީގެ މިސްރާބު ދެން ސީދާކުރަންވީ މިދެންނެވި އަމާޒަށް. އެފަދަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ޓެކްނޮލޮޖީ ހޯދައި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެފަދަ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީއަކީ ގާބިލް އަދި އިތުބާރު ކުރެވޭ ކުންފުންޏެއް ކަމަށާއި ރައްޔިތުންނަށް ވެސް އެ އިތުބާރު އެބަ އޮތް ކަމަށް ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ "ބޭރު ބަޔަކާ ހަވާލު ނުކުރިޔަސް، އެފަދަ މަޝްރޫއުތައް ދިވެހިންނަށް ހިންގޭނެ" ކަމަށެވެ.
"އެ މަސައްކަތްތައް މެކުހަށް ޖެހުމަށްޓަކައި، މި ކުންފުނީގެ އިންސާނީ ވަސީލަތްތައް ވެސް އިތުރަށް ތަރައްގީކުރަން ޖެހޭނެ. ކުންފުނީގެ ހަކަތަ އިތުރުކޮށް، ދިވެހިންގެ ދާ އޮހޮރުވައިގެން ހޯދާ ކާމިޔާބީ މާ ފޮނިވާނެ.،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޓީސީސީއޭ ބުނުމުން، އިމާރާތްކުރުމާއި ދަތުރުފަތުރާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު ވިއްކާ ކުންފުންޏެއް ކަމަށް ހީވެދާނެ ކަމަށާއި ނަމަވެސް ހަގީގަތުގައި އެއީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި ހާއްސަކޮށް ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބަނދަރު ހެދުން، ބިން ހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ޝީޓް ޕައިލްކުރުން، މިއީ މި ކުންފުނީގެ އެންމެ ޒަމާންވީ މަސައްކަތްތައް. މިއީ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ލަފާފުރުމުގެ ހިދުމަތާ ގުޅިފައި ހުރި މަޝްރޫއުތައް. އެއާޕޯޓް ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ވެސް، ރަށްރަށާއި މާލެއާ ދެމެދު ހުރި އަސާސީ ހިދުމަތުގެ ތަރައްގީގެ ފަރަގު ނައްތައިލުމަށްޓަކައި ހިންގާ ވަރަށް މުހިންމު މަޝްރޫއުތަކެއް،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ މިދެންނެވީ. އެއީ ތަރައްގީވެސް ލާމަރުކަޒު ކުރުން. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމުކުރުން. ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން، އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން."
ލާމަރުކަޒު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަމުން އަންނައިރު، ޒުވާނުންނަށް ރައީސް އިލްތިމާސް ކުރެއްވީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފައި ގައުމީ ތަރައްގީގައި ބައިވެރިވުމަށް ކަމަށެވެ.

އެމްޓީސީސީގެ އަހަރީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ތިޔަ ޒުވާނުންގެ ރަށާއި އަތޮޅާއި އަދި މުޅި ރާއްޖެވެސް، ތިޔަ ޒުވާނުން ބޭނުންވާ ގޮތަކަށް ތަރައްގީ ކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވިފައި. ގައުމަށް ވެސް އަދި ތިޔަ ޒުވާނުންނަށް ވެސް އެކަމުން ލިބޭނެ މަންފާ ވަރަށް ބޮޑުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޓީސީސީއޭ ބުނުމުން މިއަދު ލިބޭ ވަރަށް ހިތްހަމަޖެހުމަކީ ހަވާލުކުރާ ކޮންމެ މަޝްރޫއެއް އެންމެ ރަނގަޅު ފެންވަރުގައި، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.











