ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި މިރޭ އާރްއާރްސީ އާއި އެސްއެމްއެމްގެ ކުރިމަތިލުން ވަރަށް ގިނަ ގޮތްގޮތުން ހާއްސަ އެވެ. މިއީ އެފްއެސްއެމް މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އާރްއާރްސީގެ ނަމުގައި އެ ޓީމުން މުޅިން އަލަށް މުބާރާތުގައި ވާދަކޮށް ފުރަތަމަ ފަހަރު ވެސް މި ވަނީ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ.
ދެ ޓީމުން ވެސް ފައިނަލާ ހަމައަށް ކުރި ދަތުރުގެ ރެކޯޑް އޮތީ ދާދި އެއް ގޮތަކަށެވެ. ގްރޫޕް ސްޓޭޖުގައި ދެ ޓީމު ވެސް އެއް މެޗުން ބަލިވި އެވެ. އާރްއާރްސީ ބަލިވީ ކްލަބް އެޗްޑީސީ އަތުންނެވެ. އެފްއެސްއެމް ބަލިވީ ދިރާގާ ވާދަކޮށެވެ. ދެ ޓީމުން ވެސް ވަނީ މުބާރާތުގައި ދެން ކުޅުނު ފަސް މެޗުން މޮޅުވެފަ އެވެ.
ނޮކައުޓް ބުރުގައި އާރްއާރްސީން ވަނީ ދިރާގާއި އެމްޕީއެލް އަދި ފެނަކަ ބަލިކޮށްފަ އެވެ. އެފްއެސްއެމްގެ ދަތުރު އޮތީ ހައިރާންކުރަނަވި ނަތީޖާތަކެއްގެ މައްޗަށް ބުރަވެފަ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އެފްއެސްއެމް އިން ވަނީ އެންމެ ފަހުން މުބާރާތުގެ ރަނަރަޕް، ކްލަބް ވެމްކޯ ކަޓުވާލައިފަ އެވެ. ކުއާޓާގައި އެޗްޑީސީގެ މައްޗަށް ކުރިހޯދައި ސެމީގައި މޮޅުވީ ޕްރިޒަން ކްލަބާ ވާދަކޮށެވެ. އެފްއެސްއެމް އިން ވެމްކޯ އާއި އެޗްޑީސީ ކަޓުވާލިއިރު، އެ ދެ ޓީމަކީ މުބާރާތުގެ ދެ ފޭވަރިޓުންނެވެ.
އާރްއާރްސީން މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކަޓުވާލައިފަ އެވެ.
އެފްއެސްއެމް އާއި އާރްއާރްސީގެ ބެންޗުން ވެސް ފެންނާނީ ފުޓްްސަލްގެ ނަމޫނާ ކޯޗުންނެވެ. އާރްއާރްސީއާ ހަވާލުވެ ހުރީ ފުޓްސަލްގެ ނަން މަޝްހޫރު ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. އާރްއާރްސީގެ ކާމިޔާބީގައި އޭނާގެ ވިސްނުންތޫނު ނިންމުންތައް މުހިއްމު ދައުރެއް އަދާކުރި އެވެ.
އެފްއެސްއެމް ބެންޗުގައި ހުރި ކޯޗު އިސްމާއިލް އިބްރާހިމް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ ގިނަ ބަޔެއްގެ އިހުތިރާމް ހޯދައިފަ އެެވެ. ހާއްސަކޮށް ފުޓްސަލްގެ އެންމެ ނަން ހިނގާ "ކިންގް" އެއް ނެތި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުންނެވެ.
ކުޅުންތެރިންނަށް ބަލާއިރު ދެ ޓީމުގައި ވެސް މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ.
އާރްއާރްސީ ޓީމުގެ ކެޕްޓަނަކީ އިބްރާހިމް މައިޝާން (މައި) އެވެ. ދެން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މި މުބާރާތުގައި ކުޅުނު އެއް ކުޅުންތެރިއަކީ، ފުޓްސަލް ތަރި، އިބްރާހިމް އަސްވަދު (ގަބޭ) އެވެ. އެ ޓީމުގައި ހިމެނޭ އަލީ ޝިފާއު (ރޮނާ) އަކީ މީގެ ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި ގިނަ ޓީމުތަކެއްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ފުޓްސަލްގައި މަޝްހޫރު، އާދަމް ނާސިހު (އާދަންނާ)ގެ އިތުރުން ކްލަބް ވެލެންސިއާ އަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވެސް މި މުބާރާތުގައި އަންނަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖަހަމުންނެެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ޝާމިސް (ތޮއްޕޭ)، ކްލަބް އީގަލްސްގެ ހިސާމް ސަލީމް (ކޮކީ)، ކްލަބް ގްރީން ސްޓްރީޓްސް އާއި ޒުވާން ގައުމީ ޓީމަށް ކުޅުނު މުހައްމަދު ފަރުހާން (ފަރުއްކޮ) އަދި ފުޓްސަލްގައި މޮޅު ކުޅުމެއް ދައްކާ އިސްމާއިލް މުނީޒް ވެސް ކުޅެނީ އާރްއާރްސީ އަށެވެ. އާރްއާރްސީ މި ހިސާބަށް އައުމުގައި އެ ޓީމުގެ ކީޕަރު މުހައްމަދު ޒުހަލް ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.
އެފްއެސްއެމް ޓީމަށް ބަލާއިރު، ކެޕްޓަން މުހައްމަދު ނާފިއު (ނާއްޕެ)، ފުރަަތަމަ ޑިވިޝަނުގެ އީގަލްސް އަށް ދާދި ފަހުން ބަދަލުވި އަހުމަދު ވިޖުދާން (ވިޖުއްކޮ)، މުހައްމަދު ތޯހިރު، މުހައްމަދު ޖުމާންގެ އިތުރުން ފުޓްސަލްގައި މަޝްހޫރު ނާއިފް ޝަފީގު (ސީއާރް3) ހިމެނެ އެވެ. ނާއްޕެ، ވިޖުއްކޮ، ތޯހިރު، ޖުމާން އަދި ސީއާރް3 އަކީ މި މުބާރާތުގައި ތަފާތު މޮޅު، ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.
އެފްއެސްއެމް މި ހިސާބަށް ދަތުރުކުރުމުގައި އެ ޓީމުގެ ގޯލްކީޕަރު، ކުރިން ޒުވާން ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުން ވެސް ފެނުނު އަބްދުﷲ ފަޔާޒް (ފަޔާ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފައިނަލް މެޗު މިރޭ ދެން އެންމެ ހާއްސަވާނެ ބަޔަކީ ދަނޑުބޭރުގައި އާދަޔާހިލާފު ފޯރިއެއް ނަގާ ސަޕޯޓަރުންނެވެ.
އެފްއެސްއެމް އާއި އާރްއާރްސީ އަކީ މި ފަހަރުގެ މުބާރާތުގައި ސަޕޯޓަރުންގެ ފޯރި އަށް ބަލާއިރު ވެސް ނަމޫނާ ދެ ޓީމެވެ. ދެ ޓީމު ކުޅުނު މެޗުތަކުގައި ލަނޑު ޖަހާ ވަގުތާއި މެޗަށް ފަހު އެ އޮންނަ ފޯރިން އެކަން ފެނިގެންދެ އެވެ. އެހެން ކަމުން މިރޭގެ ފައިނަލަކީ ދަނޑު ތެރެއިން ކުޅުންތެރިންގެ ކުޅުމުގެ ފޯރީގެ އިތުރަށް ދަނޑު ބޭރުން ސަޕޯޓަރުންގެ ފޯރި ވެސް ވަރަށް ބޮޑަށް ފެންނާނެ ފައިނަލެކެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭގެ ފައިނަލް މެޗު ފަށާނީ 20:30 ގަ އެވެ.












