ބާސެލޯނާ (ޑިސެމްބަރު 19) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ގޯލު ޖަހައި 3-2 އިން އެލްޗޭ ބަލިކޮށް ބާސެލޯނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.
މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 17 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 17 މެޗުން 42 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ނެގި ކޯނަރަކުން ފެރާން ޖުގްލާ ވަނީ ބޮލުން ގޯލެއް ޖަހައި ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން އެލްޗޭގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި ގަވީ ބާސެލޯނާ ލީޑުފުޅާކޮށްދިނެވެ. ތިން ވަނަ ގޯލެއް ޖަހަން މެޗުގެ 27 ވަނަ މިނިޓްގައި ޖުގްލާ ޖެހި ބޯޅަ އެލްޗޭ ކީޕަރު އެޑްގާ ބަޑީއާ ވަނީ މަތަކޮށްފަ އެވެ.
އެލްޗޭ އިން ވަނީ ދެ ވަނަ ހާފްގެ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަަހަމަކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާތެރެެއިން ލިބުނު ބޯޅަ ޓެޓޭ މޮރެންޓޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ޖެހިގެން އައި މިނިޓްގައި މޮރެންޓޭ ނެގި ހުރަހަކުން ޕެރޭ މީއާ ބޮލުން ޖެހި ގޯލުން އެލްޗޭ އިން ނަތީޖާ ހަމަހަމަކުރި އެވެ. މޮރެންޓޭ އާއި މިއާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.
ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި ނިކޯ ގޮންޒާލޭޒް އެވެ. ޑެމްބެލޭ އާއި ގަވީ ކުޅިގެން އުފެއްދި އެޓޭކެއްގައި އޭރިއާތެރެއިން ނިކޯ އަށް ލިބުނު ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ލީގުގައި ރޭ ސެވިއްޔާ އިން ވަނީ 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އިވާން ރަކިޓިޗްގެ ގޯލުން މެޗުގެ ކުރީކޮޅުގައި ސެވިއްޔާ ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފުގައި ފިލީޕޭ ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ސެވިއްޔާ މޮޅުކޮށްދިން ގޯލު ޖެހީ ލޫކަސް އޮކަމްޕޯސް އެވެ.
ރެއާލް ސޮސިއެޑާޑް ދަނޑުގައި ރޭ ވިޔަރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަލެކްސަންޑަ އިސާކްގެ ގޯލުން ސޮސިއެޑާޑް ލީޑުނަގާފައިވަނިކޮށް 38 ވަނަ މިނިޓްގައި ޖެރާޑް މޮރޭނޯ ވިޔަރެއާލަށް އެއްވަރުކޮށްދިނެވެ. މެޗުގައި ސޮސިއެޑާޑަށް މައްސަލަ ދިމާވީ 49 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލަށް ރަތް ކާޑެއް ދެއްކުމުންނެވެ. ސޮސިއެޑާޑްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ވިޔަރެއާލުން ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ޖެހީ މޮރޭނޯ އާއި ސެމިއުލް ޗުކުވޭޒީ އެވެ.
ލީގުގެ ދެ ވަނައިގައި ސެވިއްޔާ އޮތީ 17 މެޗުން 37 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ރެއާލް ބެޓިސް އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. ރޭ އަލަވޭސް އަތުން 2-0 އިން މޮޅުވި ރަޔޯ ވަޔެކާނޯ ވަނީ ހަަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 18 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ ފަސް ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓާ އެކު އެވެ. އަދި ހަ ވަނައިގައި އޮތް ސޮސިއެޑާޑަށް ވެސް ވަނީ 18 މެޗު ކުޅުނުއިރު، 29 ޕޮއިންޓް ލިބިފަ އެވެ.












