މިރޭގެ ފައިނަލުގައި ފާތިމަތު ޖޫޒާން ޒަރީރް ޖެހި ފަސް ގޯލާ އެކު 7-4 އިން ކްލަބް ވެމްކޯ ބަލިކޮށް އެމްޕީއެލް އިން ޖެހިޖެހިގެން ތިން ފަަހަރު ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ތަށި އުފުލާލައި ހާއްސަ ރެކޯޑެއް ގާއިމްކޮށްފި އެެވެ.
އެމްޕީއެލް އަކީ ކްލަބް މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.
ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން ބާއްވަން ފެށީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން ފަހަރު ތަށި ހޯދަން ކްލަބް އިމިގްރޭޝަން އާއި ދިވެހި ސިފައިންގެ ކްލަބުން މަސައްކަތްކުރި އެވެ. މީގެ ތެރެއިން އިމިގްރޭޝަން ދެ ފަހަރެއްގެ މަތިން ޖެހިޖެހިގެން ދެ ތަށި ހޯދި ނަމަވެސް ތިން ވަނަ ފަހަރު ތަށި ހޯދުމުގެ ނަސީބެއް ނުލިބުނެވެ.
އެމްޕީއެލް އިން ޖެހިޖެހިގެން ތިން އަހަރު ތަށި ކާމިޔާބުކުރީ 2018، 2019 އަދި 2021 ގަ އެވެ. މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ކްލަބް މޯލްޑިވްސް ކަޕް ނުބާއްވަ އެވެ.
އެމްޕީއެލް އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ފަހަރެއްގެ މަތިން ވެމްކޯއާ ކުޅެފަ އެވެ. އެއް މެޗުން އެއްވަރުވިއިރު، އަނެއް މެޗުން މޮޅުވީ އެވެ. އެ ދެ މެޗަށް ވުރެ މިރޭގެ ފައިނަލް ދިޔައީ ފޯރިގަދަކޮށެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ހިލޭ ޖެހުމަކުން ތައިލެންޑްގެ ޑަރިކާ ޖެހި ގޯލުން ވެމްކޯ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ވެމްކޯގެ ޑަރިކާ އިތުރު ގޯލެއް ޖަހައި އެމްޕީއެލް ހާސްކޮށްލި އެވެ.

އެމްޕީއެލްގެ ޖޫޒާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
އެކަމަކު، އެމްޕީއެލް ފެނުނީ ތަފާތު ހިތްވަރެއް ނެރެ ނަތީޖާ އަނބުރާލިތަނެވެ. އެމްޕީއެލްގެ ފުރަތަމަ ގޯލު ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖޫޒާން އެވެ. ހާފުގެ މެދެއްހާ ހިސާބުން އެމްޕީއެލްގެ ތަޖިކިސްތާން ކުޅުންތެރިޔާ މަދީނާ ފަޒިލޯވާ ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޖޫޒާން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެންދިޔަ ބޯޅަ ތިރިތިރިން ގޯލަށް ފޮނުވާލައި އެމްޕީއެލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ފާތިމަތު ޝާމިލާ ހަނި އޭންގަލުން ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައި އެމްޕީއެލަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑުނަގައިދިނެވެ.
އެމްޕީއެލުން ލީޑުނެގި ނަމަވެސް ވެމްކޯ އިން ހިތްވަރު ދައްކައި ނަތީޖާ ހަމަހަމަކުރި އެވެ. ހާފުގެ މެދެއްހާ ހިސާބުން ޑަރިކާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނަތީޖާ ހަމަހަމަ ވުމާ އެކު ވެމްކޯ އިން ބަދަލުތަކެއް ގެނަ އެވެ. އެކަމަކު، އޭގެ ފަހުން ޖޫޒާން ވަނީ ރަނގަޅު ތަނަށް ހުސްވެ އެމްޕީއެލަށް އިތުރު ދެ ގޯލު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ވެމްކޯ އިން ބަދަަލަކަށް އެރި މަރިޔަމް ނޫރާ ޖެހި ގޯލުން އެ ޓީމަށް އުއްމީދެެއް ލިބުނު ނަމަވެސް ދެން ވެސް ފެނުނީ އެމްޕީއެލްގެ ގޯލުތަކެކެވެ. އެމްޕީއެލްގެ ފަހު ދެ ގޯލު ވެސް ޖެހީ މިރޭގެ ދެ ވަނަ ހާފުގައި ތަފާތު ފޯމެއްގައި ކުޅުނު ޖޫޒާން އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ސާލިޔާ އެވެ. އެންމެ ގިނަ ގޯލު ޖެހީ 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުން އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާ އެވެ. ފެއާ ޕްލޭ ޓީމުގެ ޓްރޮފީ ޓްރޭޑް ކްލަބަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިއަކީ އެމްޕީއެލްގެ މަދީނާ، ސާލިޔާ އަދި ގޯލްކީޕަރު އަޒަަމްގެ އިތުރުން ވެމްކޯގެ ޑަރިކާ އާއި ކަސޭސީ އެވެ.
މާދަމާރޭ ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލެވެ. ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅޭނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާ އެވެ.












