މިހާރު ކުރިއަށްދާ އެތުލެޓިކްސްގެ ގައުމީ ގްރޯން ޕްރީ މުބާރާތުގެ 1،500 މީޓަރު ދުވުން ކާމިޔާބުކުރި ހުނަރުވެރި ދުވުންތެރިޔާ އާމިނަތު ޖާއިޝާ ޖުނީޒް ގައުމީ ރެކޯޑް އާކޮށްފި އެވެ.
ދިގު ދުވުންތަކުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޖާއިޝާ ވަނީ ފަހަކަށް އައިސް ގިނަ އިވެންޓްތަކުގައި ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ. އަދި 1500 މީޓަރު ދުވުމުގެ ރެކޯޑް އެންމެ ފަހުން ތިން ފަހަރު ވެސް އާ ކުރީ ޖާއިޝާ އެވެ.
ޖާއިޝާ މި ފަހަރު 1500 މީޓަރު ވުމުގެ ރެކޯޑް އާ ކުރީ އިއްޔެ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދިޔަ ގްރޯ ޕްރީގެ އިވެންޓްގައި ވާދަކޮށް 5:05.63 ޓައިމިން އަކުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ގައި ބޭއްވި ގައުމީ ޓައިމް ޓްރަޔަލްގައި ޖާއިޝާ، 1500 މީޓަރުގެ ރެކޯޑް އާ ކުރީ 5:06.1 ޓައިމިން އަކުން ރޭސް ނިންމައިގެންނެވެ.
އޭގެ ކުރިން ޖާއިޝާ މި ރެކޯޑް މުުގުރާލީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 1500 މީޓަރު ދުވުމުގަ އެވެ. އެ ފަހަރު ޖާއިޝާ ރެކޯޑް ހެދީ 5:14 މިނެޓުން ދުވެގެންނެވެ. އެ ފަހަރު ޖާއިޝާ ރެކޯޑް މުގުރާލިއިރު، އެ ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި 5:16 މިނެޓުން ދުވި މަރިޔަމް އިނާޔާ ފާރޫގުގެ އަތުގަ އެވެ.
ޖާއިޝާ ވަނީ މާލޭ ސިންތެޓިކް ޓްރެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ މުބާރާތުގައި މިދިޔަ މަހު ތިން ރަން މެޑަލް ހޯދައިފަ އެވެ. ގައުމީ މުބާރާތުގައި ޖާއިޝާ ރަން މެޑަލް ހޯދީ 800، 1500 އަދި 5000 މީޓަރު ދުވުމުންނެވެ.
ކެރިއަރުގެ އުސްއަލިތަކަށް ބަލާއިރު، ޖާއިޝާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ. އަދި 2018 ވަނަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ޕާސަނަލް ރެކޯޑް ހަދައިފަ އެވެ. ޖާއިޝާ ފާހަގަކުރެެވެނީ ފަހަރަކަށް ވުރެ ފަހަރެއް ކުރިއެރުން ހޯދަމުން އަންނަ އެތުލީޓެއްގެ ގޮތުގަ އެވެ.











