މިއަދު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށި ތިން ވަނަ ގައުމީ ގްރޯން ޕްރީ މުބާރާތުގެ ފުރަތަމަ ދުވަހު ވެސް ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ދިފާއުކުރި، ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން ތަފާތު ދައްކައިފި އެވެ.
ގްރޯން ޕްރީގައި މިއަދު ކުރިއަށްދިޔަ އިވެންޓްތަކުން ސާއިދާއި ހިމްނާ ވަނީ ދެ ރަން މެޑަލް ހޯދައިފަ އެވެ. އެންމެ މޮޅު އެތުލީޓުން ވާދަކުރާ މި މުބާރާތް ތިން ވަނަ ފަހަރު ބާއްވާއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ އެއް ވަނަ އަންހެން އެތުލީޓަކީ ހިމްނާ އެވެ. އެކަމަކު، ގްރޯން ޕްރީގެ ފިރިހެން ބައިގައި މުބާރާތް ބޭއްވި ދެ ފަހަރު ވެސް އެއް ވަނަ ހޯދި ހުސެއިން ފަޒީލް ހާރޫން އެވެ. އޭނާ މި ފަހަރުގެ މުބާރާތުގައި ވާދަނުކުރަނީ ވަޒީފާ އަދާކުރަމުން އަންނަ ސިފައިންގޭގެ ތަމްރީނެއްގައި ގައުމުން ބޭރުގައި ހުރުމުންނެވެ. ފަޒީލަށް އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ލިބުނު ސަބަބަކީ މުގުރާލި ރެކޯޑާ އެކު އޭނާ އަށް ޕޮއިންޓް ގިނަ ވުމުންނެވެ.
މިއަދު ހަވީރު ފުރަތަމަ ކުރިއަށްދިޔަ ފިރިހެނުންގެ 100 މިޓަރު ދުވުމުގެ އެއް ވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ރޭސް ނިންމީ 10.76 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމް ރޭސް ނިންމީ 11.00 ސިކުންނެވެ. މި ރޭހުން ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް ސްޕޯޓްސް އިން ވާދަކޮށް 11.37 ސިކުންތުން ރޭސް ނިންމި މުހައްމަދު މިންހާލް އެވެ.

ސާއިދު މިއަދު ކާމިޔާބު ކުރި ދެ އިވެންޓްގެ މެޑަލް ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ
ސާއިދު، މިއަދު ވަނީ ފިރިހެނުންގެ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. ސާއިދު މި ރޭސް 49.39 ސިކުންތުން ނިންމިއިރު، އޭނާއާ ވާދަކުރި ސިފައިންގޭގެ އަބްދުﷲ ރަޝީދު ރޭސް ނިންމީ 50.78 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސް އިން ވާދަކުރި އަހްމަދު ވިސާމް އެވެ. އޭނާ ރޭސް ނިންމީ 50.93 ސިކުންތުންނެވެ.
އެތުލެޓިކްސް އިވެންޓްތަކުގައި ތަފާތު ފޯމެއްގައި ވާދަކުރަމުން އަންނަ ހިމްނާ 100 މީޓަރު ރޭސް ކާމިޔާބު ކުރީ 12.52 ސިކުންތުންނެވެ. ކްލަބް ރާވެރިޔާ ޓީމުން ވާދަކުރަމުން އަންނަ ހިމްނާ ވަނީ އޭނާގެ އެންމެ ހާއްސަ އިވެންޓް ކަމަށްވާ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ އެ ރޭހުުގެ ކުރި ހޯދީ 59.61 ސިކުންތުން ނިންމައިގެންނެވެ.
ސަތޭކަ މީޓަރު ދުވުމުގެ ދެ ވަނަ ހޯދި ކުޑަ ހުސައިން ސްޕޯޓްސްގެ މަރިޔަމް ރޫޔާ އަލީ ރޭސް ނިންމީ 12.53 ސިކުންތުންނެވެ. އަދި މި ރޭސްގެ ތިން ވަަނަ ހޯދި ކުޑަހުސެއިން ސްޕޯޓްސްގެ އަހްނާ ނިޒާރު ރޭސް ހަތަރު ސަތޭކަ މީޓަރުގެ ދުވުމުގެ ދެ ވަނަ އަށް ދިޔަ ހައްވާ މުޒުނާ ރޭސް ނިންމީ އެއް މިނިޓް 02.76 ސިކުންތުންނެވެ. އަދި މި އިވެންޓްގެ ތިން ވަނަ ހޯދި ރިފާ މުހައްމަދު ރޭސް ނިންމީ އެއް މިނިޓް 02.84 ސިކުންތުންނެވެ.

ހިމްނާ މިއަދު ބޭއްވި ރޭހެއްގައި ދުވަނީ: މި ފަހަރު ވެސް އޭނާ އަށް މޮޅު އެތުލީޓް ލިބުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: އިމޭޖަސް،އެމްވީ
ފަަނަރަ ސަތޭކަ މީޓަރު އިވެންޓްގައި ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާ އަށް ހަތަރު ސަތޭކަ މީޓަރު ރޭހުގައި ލިބުނީ ހަތަރު ވަނަ އެވެ. އެކަމަކު، 1500 މީޓަރުގެ ރޭސް ހަތަރު މިނިޓް 21.88 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދި އެވެ. މި އިވެންޓުން ދެ ވަަނަ އަށް ދިޔައީ މެރަތަން ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް އެވެ. އަދި ތިން ވަނަ އަށް ދިޔައީ ހަމަ އެ ޓީމުގެ މުހައްމަދު އިރުފާން އެވެ. ޔޫސުފް ރޭސް ނިންމީ ހަތަރު މިނިޓް 23.88 ސިކުންތުންނެވެ. އަދި އިރުފާން ރޭސް ނިންމީ ހަތަރު މިނިޓް 28. 24 ސިކުންތުންނެވެ.
ފަނަރަ ސަތޭކަ މީޓަރުގެ އަންހެން ބައިގައި މި ފަހަރު ވެސް ފެނުނީ އާމިނަތު ޖައިޝާ ޖުނީޒާއި ތަޖުރިބާކާރު ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމްގެ ފޯރިގަދަ ކުރިމަތިލުމެކެވެ. ގައުމީ މުބާރާތެކޭ އެއްގޮތަށް މި ފަހަރު ވެސް ކުރިހޯދީ ޖައިޝާ އެވެ. ޖައިޝާ، ރޭސް ކާމިޔާބުކުރީ 5:05.63 ގެ ޓައިމިން އަކާ އެކީ އެވެ. މަރީ އަށް ރޭސް ނިންމުނު ޓައިމިން އަކީ 5:17.52 އެވެ. މި ކެޓަގަރީގެ ތިން ވަނަ އަށް ދިޔަ އައިޝަތު ރާނިޔާ ރޭސް ނިންމިއިރު، ޓައިމިން އަކީ 5:37.13 އެވެ.
ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގެ ޓްރެކް އިވެންޓްތައް މިއަދު ހެދުނު ބޭއްވި އެވެ. ހެދުނު ބޭއްވި ލޯންގް ޖަމްޕްގެ ފިރިހެން ކެޓަގަރީން ރަން މެޑަލް ހޯދީ އިބާދުﷲ އެވެ. އޭނާ ވަނީ 5.77 މީޓަރު ދުރުމިނަށް ޖަމްޕް ޖަހައިފަ އެވެ. މި ބައިން ދެ ވަނަ ހޯދި ލޫކް އަހްމަދް ގައިސް އަށް ޖަމްޕް ޖެހުނީ 5.39 މީޓަރަށެވެ. ލޯ މެޑަލް ހާސިލްކުރި، މުހައްމަދު ނާވީ ނަސީރަށް ޖަމްޕް ޖެހީ 4.89 މީޓަރަށެވެ. އަންހެނުންގެ ލޯންގް ޖަމްޕް އިވެންޓްގެ ރަން މެޑަލް ހޯދީ 4.91 މީޓަރަށް ޖަމްޕް ޖެހި ނޫރާ އަބްދުލް ހަމީދެވެ. ދެވަނަ ހޯދި ރޫޔާ ވަނީ 4.75 މީޓަރު ދުރުމިނަށް ޖަމްޕް ޖަހައިފަ އެވެ. ތިންވަނަ ހޯދި އައިޝަތު ޝަބާ ސަލީމް ޖަމްޕް ޖެހީ 4.55 މީޓަރު ދުރުމިނަށެވެ.
މާދަމާގެ ނިޔަލަަށް ކުރިއަށްދާ ގްރޯން ޕްރީގައި ދެން ބާކީ އޮތީ 200، 800 އަދި 3000 މީޓަރު ބައިން އަންހެން އަދި ފިރިހެން އިވެންޓްތަކެވެ. ގްރޯން ޕްރީ އެންމެ ފުރަތަަމަ ބޭއްވީ 2018 ވަނަ އަހަރު އައްޑޫގަ އެވެ. ދެ ވަނަ ފަަހަރަށް 2019 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވުމަށް ފަހު މިދިޔަ އަަހަރު ކޮވިޑްގެ ސަބަބުން މުބާރާތް ނުބޭއްވި މި ފަަހަރުގެ މުބާރާތް މި ބާއްވަނީ ހުޅުމާލޭގަ އެވެ.











