ކޮވިޑުގެ އެންމެ ނުރައްކާތެރިކަމަށް ބުނާ އޮމިކްރޯން ވޭރިއަންޓުގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާއިރު، އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ވޭރިއަންޓަށް ޕޮޒިޓިވް އިތުރު ހަތަރު މީހުން ފެނިފައިވާ ކަމަށެވެ.
ފަހުން ފެނުނު ހަތަރު މީހުންނަކީ ވެސް ރާއްޖޭން ބޭރުން އައި މީހުން ކަމަށް އަފްޒަލް ވިދާޅުވި އެވެ.
އެ މީހުންނަނީ ދެކުނު އެފްރިކާގެ ޓްރަވެލް ހިސްޓްރީ އޮތް މީހުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށާއި މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"އެ ކޭސްތައް ފެނުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު މިދަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ އޮމިކްރޯން އަށް ޖީން ސީކުއެންސް ހެދުމަށް ގަވައިދުން ފޮނުވަމުންދާ ކަމަށެވެ.
އެގޮތުން ސީކުއެންސިންނަށް ސާމްޕަލް ފޮނުވަނީ ކޮވިޑްގެ ގިނަ ކޭސްތައް ފެންނަ ދިމާލުން ކަމަށެވެ.
އާ ވޭރިއެންޓާ ގުޅީގެން އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވެމުންދާއިރު ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އަފްޒަލް މިއަދު ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އެގޮތުން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށާއި، އަތް ދޮވުމާއި، ކޮންޓެކް ބަބުލް މަދުކޮށް ބެހެއްޓުމަށާއި، ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުދިޔުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
އޮމިކްރޯން ވޭރިއަންޓް
ކޮވިޑުގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާ އިންނެވެ.
އެއާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނޭހެން ހަތް ގައުމަކުންނެވެ.
އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި ދިރިއުޅުނު އަދި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ކުރި ފަރާތްތައް ހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.












