ރިޔާދް، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 15) - އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި މަރަޑޯނާ ކަޕްގެ ނަމުގައި ރޭ ކުޅުނު އެކުވެރިިކަމުގެ މެޗެއްގައި ރޭ ބޮކާ ޖޫނިއާސް އަތުން ޕެނަލްޓީ ޖަހައިގެން ބާސެލޯނާ ބަލިވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ރޭ ކުޅުނު މެޗުގެ 50 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލީޑު ހޯދައިދިނީ ޔުޓްގްލާ އެވެ. އެކަމަކު ބޮކާގެ އެޒެކުއެލް ޒެބާލޮސް ލަނޑެއް ޖެހުމާއެކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެނެވެ.
ޕެނަލްޓީ ޖަހައިގެން ބޮކާ އިން ބާސާގެ މައްޗަށް ކުރި ހޯދީ 4-2 އިންނެވެ.
މި މެޗުގައި ބާސާއާ ދާދި ފަހުން ގުޅުނު ބްރެޒިލްގެ ޑެނީ އަލްވޭސް ވަނީ ކުޅެފަ އެވެ. ބާސާ އަށް ސޮއިކުރި ނަމަވެސް، ރަސްމީކޮށް އެ ޓީމަށް އޭނާ އަށް ކުޅެޥޭނީ ޖެނުއަރީގެ ޓްރާންސްފާ ދޮރު ހުޅުވުމުންނެވެ. އެކަމަކު، ރޭގެ މެޗަކީ އެކްޒިބިޝަން މެޗެއް ކަމަށްވާތީ އަލްވޭސް އަށް އެ ޓީމަށް ކުޅެން ހުރަހެއް ނެތެވެ.
އަލްވޭސް ވަނީ މީގެ ކުރިން 2008 އިން 2016 އަށް ބާސާ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަލްވޭސް އެންމެ ފަހުން ކުޅުނީ ސައޮ ޕަލޯއަށެވެ. އެ ކްލަބު އަލްވޭސް ދޫކޮށްލީ މުސާރައިގެ މައްސަަލަތަކަކާ ގުޅިގެންނެވެ.
ބާސެލޯނާ އަށް މަރަޑޯނާ ހާއްސަ
މަރަޑޯނާ އެންމެ ފުރަތަމަ އޭނާ ކްލަބް ފުޓްބޯޅަ ކެރިއަރުގައި ކުޅުނީ އާޖެންޓީނޯސް ޖޫނިއާސް އަށެވެ. އެއީ 1976 އިން 1981 އަށެވެ. އޭގެ ފަހުން އޭނާ ވަނީ 1981 އާއި 1982 ވަނަ އަހަރު ބޮކަ ޖޫނިއާސް އަށް ފުރަތަަމަ ފަހަރަށް ކުޅެފަ އެވެ.
ސްޕެއިނުގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު 7.6 މިލިއަން ޑޮލަރަށް މަރަޑޯނާ ވަނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ.
ބާސެލޯނާގައި ހުރެ ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި މަރަޑޯނާ އަކީ އެލް ކްލަސިކޯ މެޗުގެ ތާރީހީ ހަނދާނަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ. މަރަޑޯނާ އަކީ އެލް ކްލަސިކޯ މެޗެއްގައި ބާސެލޯނާ ޖޯޒީގައި ކުޅެނިކޮށް ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ތަރުހީބު ދިން ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ފަދަ ތަރުހީބެއް ދެން ރެއާލް ސަޕޯޓަރުން ދިން ބާސެލޯނާގެ ކުޅުންތެރިންނަކީ ރޮނާލްޑީނިއޯ އާއި އަންދްރެސް އިނިއެސްޓާ އަށެވެ.
އަނިޔާ އާއި ސަސްޕެންޝަން އަދި ދަނޑުމަތީގައި ހިނގި މާރާމާރީގެ އެކި ކަންކަމުގެ ސަބަބުން ބާސެލޯނާގައި މަރަޑޯނާގެ އަސްލު ކުޅުން ނުދެއްކި އޭނާ އަށް ޖެހުނީ 1984 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލާށެވެ. ބާސެލޯނާ ދޫކޮށް މަރަޑޯނާ ދެން ފެނުނީ އިޓަލީގެ ނަޕޯލީންނެވެ. އޭނާ ވަނީ 1984 އިން 1991 އަށް ނަޕޯލީ އަށް ކުޅެދީފަ އެވެ.
އޭގެ ފަހުން ސްޕެއިނުގެ ސެވިއްޔާ އާއި އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ވެސް އެއް އަހަރު ކުޅެދިނުމަށް ފަހު 1995 ވަނަ އަހަރު ބޮކަ ޖޫނިއާސް އަށް ބަދަލުވި އެވެ. ބޮކަ ޖޫނިއާސް އަށް ދެ އަހަރު ކުޅެދިނުމަށް ފަހު 1997 ވަނަ އަހަރު ކުޅުން ހުއްޓާލި އެވެ. ޕްރޮފެޝަނަލް ފުޓުބޯޅަ އިން މަރަޑޯނާ ރިޓަޔާ ކުރީ 37 ވަނަ އުފަން ދުވަހު އެވެ.












