އިންތިގާލީ އިންސާފުގެ މުއްދަތު އިތުރުކުރަން މަޝްވަރާއަށް ދަނީ

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އަދަދު/އާއިމް ޒަމީރު

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "އަދަދު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އަދަދު/އާއިމް ޒަމީރު

އިންތިގާލީ އިންސާފުގެ އޮފީހަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ އޮފީހަށް އޮތް ގާނޫނީ މުއްދަތު އިތުރުކުރުމަކީ ބޭނުންތެރިކަމެއް ކަމަށް އިންތިގާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުންނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ ގާނޫނުގެ ދަށުން މައްސަލަތައް އެ އޮފީހަށް ހުށަހަޅަން ހުޅުވާލީ ތިން މަސް ދުވަހުގެ މުއްދަތަކަށް މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ބެލުމަށް އަދި ހުށަހެޅުމަށް ދީފައިވާ މުއްދަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ވެސް އެ އޮފީހަށް މައްސަލަ ލިބެމުންދާ ކަމަށެވެ.

"މައްސަލަތައް އެ ދުވަސްވަރު ތެރޭގަ ހުށަހޭޅުނު ފަރާތްތަކުން ވެސް އެބަ އާދޭ އަދިވެސް. ނަމަވެސް މުއްދަތު ފަހަނައަޅައި ދިޔައިމަ އެ މައްސަލަތައް ބަލައިގަތުމަކީ ދަތިކަމަކަށް ވާނެ. އެކަމަކު އެ މައްސަލަތަކަށް އެޑްރެސްނުކޮށް ދޫކޮށްލަންވީތޯ ނޫންތޯ ވެސް އެއީ އުފެދޭ ސުވާލެއް. އެބަ އާދޭ (ކުރިން ހުށަހެޅި މައްސަލަތައް ބަލައިނުގަތީމަ) ޑޮކިއުމެންޓްތައް ފުރިހަމަކޮށްގެން ވެސް ރިވިއުކުރަން. އެހެންވީމަ އެފަދަ ހާލަތްތަކުގަ އަޅުގަނޑުމެންގެ ވޯކްލޯޑު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ އެފަދަ މައްސަލަތަކާއެކު އެ އޮފީހުގެ މަސައްކަތްތައް ވެސް ބުރަވެގެން ދާނޭއިރު އެ އޮފީހުން ބަލަމުންދާ އަދި ހުށަހެޅެމުންދާ މައްސަލަތައް ބަލައި އެކަންކަމަށް ހައްލެއް އައުމަކީ މުހިންމު ކަމެއް ކަމަށެވެ. ޓްރާންސިޝަނަލް ޖަސްޓިސްއަކީ އެއްވެސް ގައުމެއްގައި މާ ގިނަ ދުވަހަށް ހުޅުވިފަ އޮންނަ ކަމެއް ނޫންކަން ފާހަގަކުރެއްވި ނަމަވެސް ސަލާމް ވިދާޅުވީ މުއްދަތާ ގުޅިގެން މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އަބަދަކު ފުރުސަތެއް ހުޅުވާލައިގެނެއް ނުތިބެވޭނެ. މުއްދަތުގެ ފަހުން ވެސް އަޅުގަނޑުމެންގެ ތެރޭގަ މަޝްވަރާކުރެވޭ އަދި އެއް ފުރުސަތު ކުޑަ ވަގުތުކޮޅަކަށްނަމަވެސް ހުޅުވާލުމަށް. ނަމަވެސް އެއީ އަދި ނިމިފަ އޮތް ކަމެއް ނޫން އެއްވެސް ހާލެއްގަ. އަދި މަޝްވަރާގަ މިދަނީ. އަދި މާ އަވަސް އެއްޗެކޭ ބުނަން. އެހެންނަމަވެސް ނީޑެއް އެބަ އޮތޭ މި ދެންނެވީ މައްސަލަތައް ފައިލް ކުރަމުން އަންނާތީ،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ގޮތުން އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާއިރު، އެ މުއްދަތު އިތުރުކުރުމަކީ އޭނާގެ އޮފީހުގެ މަސައްކަތް ކުރިޔަށްދާ މިންވަރާއި، އެ އޮފީހަށް ލިބޭ ބަޖެޓާއި ވަސީލަތްތަކުގެ އިތުރުން މައްސަލަތައް ހުށަހެޅޭ މިންވަރު ވެސް އެކަމަކާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި މިހާރުގެ އަމާޒަކީ ގާނޫނުން ދީފަ އޮންނަ މުހުލަތުގެ ތެރޭގައި މައްސަލަތައް ނިންމުން ކަމަށް ސަލާމް ވިދާޅުވި އެވެ.

ސަލާމް ވަނީ އެ އޮފީހުގެ ހުރި ގިނަ މައްސަލަތައް އަންނަ އަހަރުގެ މެދެއްހާ ހިސާބު ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކަށް މިހުރީ އަޅުގަނޑުމެން އެކްސްޕެކްޓްކުރާ ތާވަލާ އެއްގޮތަށް ރިސޯސްތައް ލިބިއްޖެކަމަށްވަންޏާ، ބޮޑު ބައި ނިންމާލެވޭނެ ކަމަށް. އޭގެ އިތުރަށް ޓައިމް ބޭނުންވާކަމަށްވަންޏާ، ގާނޫނުގަ ބުނެފަވާގޮތުގެ މަތިން، އިތުރު ރިސޯސްތަކާއި އެހެން އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ހާލަތްތަކެއް އައިސްދާނެ. އެކަމަކު ތަންކޮޅެއް މުއްދަތާ ކައިރިކޮށްލާފަހެން ހީވަނީ އެ ސުވާލަށް ޖަވާބެއް ދެވޭނީ. ޓާގެޓަކީ އެގޮތަށް (ގާނޫނީ މުހުލަތާއި) ކުރިޔަށް ގެންދިޔުން،" ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ އޭނާގެ އޮފީހުގެ މައިގަނޑު އަމާޒަކީ ވެސް މައްސަލަތައް ސުލްހަވެރިކޮށް ނިންމުން ކަމަށެވެ. އެހެންނަމަވެސް ގިނަ މައްސަލަތަކަކީ ދައުލަތުގެ އިދާރާއެއް ނުވަތަ އިސް ވެރިޔަކާ ދެކޮޅަށް ހުށަހަޅާފައި ހުންނަ މައްސަލަތައްކަމުން އެ ފަރާތްތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ވެސް މައްސަލައިގެ ކަންކަން ކުރިޔަށް ގޮސްފައި އޮތީ ގޯސްކޮށް ކަމަށް ދެކޭ ކަމަށްވާނަމަ މައްސަލަ މީޑިއޭޝަނާއި ސެޓަލްމެންޓާ ހިސާބުން ނިންމާލެވިދާނެ ކަމަށެވެ.

އެހެންނަމަވެސް އެ ނޫން ގޮތަކަށް ވެސް މައްސަލަތައް ކުރިޔަށް ދާނެ ކަމަށް އޭނާގެ އޮފީހުން ވިސްނާފައި އޮތް ކަމަށް ސަލާމް ވިދާޅުވި އެވެ. އަދި ގާނޫނުގަ ޕްރޮސެކިއުޓްކުރުމާއި ކޯޓު މަރުހަލާއަށް ވެސް ވަކި މުއްދަތެއް ދީފަ އޮތުމުން، އެ އޮފީހުގެ އިތުރުން ވެސް މައްސަލަތަކުގައި ޝާމިލުވާ އެހެން ފަރާތްތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ފަރުވާއެއް ލިބުން ކަމަށް ވާނީ އެ މުއްދަތުގެ ތެރޭގަ ހުރިހާ ކަމެއް ވެސް އެޑްރެސްވެގެން އައުން. ދެން ބަލަނީ ހުރިހާ މައްސަލަތަކެއް ވެސް ނިމި ކުރިޔަށް ދެވިދާނެ ކަމަށް. ގާނޫނު ވެސް ބައްޓަންކޮށްފަ މިއޮތީ ބޮޑަށް އަދަބު ދިނުމަށްވުރެ ހަގީގަތް ހާމަކުރުމަށް. ރަނގަޅު ފަރުވާއެއް ލިބި ދޭނެ ކަހަލަ ގޮތަަށް. އެބަ އާދޭ ހާލަތްތަކެއް އަނިޔާ ލިބުނު ފަރާތުން ދޫކޮށްލަން ބޭނުންނުވާ ކަހަލަ ވެސް. އެއީ އަޅުގަނޑުމެންގެ އިހްތިޔާރުގަ އޮންނަ ކަމެއް ނޫން،" ސަލާމް ވިދާޅުވި އެވެ.

އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އަދި އޭގެ އިތުރުން ވެސް ކުރީގެ މުހައްމަދު އަމީން ހަވަރަށް ދިނުމާއި، ގދ. ތިނަދޫ ފަޅުކޮށްލުން ފަދަ ބޮޑެތި އަދި ތާރީހީ މައްސަލަތައް ވެސް އެ އޮފީހުގައި އެބަ އޮތެވެ. އެ މައްސަލަތައް މިހާރު އެ އޮފީހުން ތަހުގީގުކުރަން ފަށާފައިވާއިރު، ބައެއް މައްސަލަތަކުގައި ތާރީހީ ލިޔެކިޔުންތައް ނުބެލެހެއްޓި ހުރުމުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox