ކައުންސިލް ކުންފުނިތަކަށް ހުއްދަ ދިނުމުގެ ކުރިން ގަވާއިދަށް އިސްލާހުތަކެއް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު: ކައުންސިލް ކުންފުނިތަކަށް ހުއްދަ ދިނުމުގެ ކުރިން ގަވާއިދަށް އިސްލާހުތަކެއް ގެންނަނީ. -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު: ކައުންސިލް ކުންފުނިތަކަށް ހުއްދަ ދިނުމުގެ ކުރިން ގަވާއިދަށް އިސްލާހުތަކެއް ގެންނަނީ. -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާ އެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށުން އުފައްދަން އެދިފައިވާ ކުންފުނިތަކަށް ހުއްދަ ދިނުމުގެ ކުރިން، އެކަމަށް އެކަށައެޅިފައިވާ ގަވާއިދަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

ރަށު ތަރައްގީއަށް އެކި މަސައްކަތްތައް ކުރުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީތަކުން ވަނީ ކުންފުނިތައް ރަޖިސްޓްރީ ކުރުމަށް އިކޮނޮމޮކް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއިއެކު ވިޔަފާރިކުރުމާއި ބެހޭ ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީއިން މިދިޔަ އޭޕްރީލްމަހު އާންމުކޮށްފައި ވާއިރު، ގެޒެޓް ކުރާ ތާރީހުން ފެށިގެން ނުވަ މަސް ދުވަސްތެރޭ އެ ގަވާއިދަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށެވެ.

މި ގަވާއިދު ގެޒެޓް ކުރުމާއި އެކު ގިނަ ކައުންސިލްތަކުން ކުންފުނި ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި އެދިފައި ވާއިރު، ހުއްދަ ނުލިބި، އެކަމަށް ޖަވާބެއް ނުލިބި އަހަރު ނިމިގެން ދާތީ ޝަކުވާ ކުރެ އެވެ.

އެ ކަންބޮޑުވުމަށް ރައްދު ދެމުން އިކޮނޮމިކް މިނިސްޓްރީގެ ތަރުޖަމާން، ނައުފަލް އަމްޖަދު "އަދަދު" އަށް ވިދާޅުވީ މާ ލަސްތަކެއް ނުވެ، ކުންފުނިތައް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް، ކައުންސިލްތަކަށް ކުންފުނިތައް ހިންގަން ހުއްދަ ދޫކުރުމުގެ ކުރިން، މިހާރު ގެޒެޓްކޮށްފައިވާ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" އަށް ކުދި ކުދި އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގަވާއިދުގައި ކުދި ކުދި ކަންކަން ފާހަގަވުމުން، ކުދި ކުދި އިސްލާހުތައް ގެނައުމުގެ މަަސައްކަތް މިނިސްޓްރީއިން މިހާރު ކުރަމުން ދަނީ. އެ މަސައްކަތް މި ބަލަނީ މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް،" ނައުފަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހުތަކާއި އެކު ގަވާއިދު ގެޒެޓު ކުރުމާއި އެކު، ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދުނު ކައުންސިލްތަކުގެ އަަދަދު އާންމު ކުރާނެ އެވެ. އެ މައުލޫމާތުތައް މިވަގުތު ހާމަކުރުމަށް މިނިސްޓްރީ ވަނީ އުޒުރުވެރިވެފަ އެވެ.

މި ގަވާއިދު ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެންނަނީ ކައުންސިލްތަކުން އުފައްދާ ކޮންމެ ކުންފުންޏެއް ދައުލަތުގެ އެސެޓަކަށް ވެގެން ދާތީ އެވެ. އަދި އެ ކުންފުނިތަކުގެ ޒިންމާ ދައުލަތުން ނަނގަން ޖެހޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox