މެޑްރިޑް (ޑިސެމްބަރު 13) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އިން ފަހު ވަގުތު 2-2 އިން އެއްވަރުކޮށް ބާސެލޯނާ ހާސްކޮށްލިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ރެއާލް މެޑްރިޑުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އެއް ވަަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.
ރެއާލް އެއް ވަނައިގައި އޮތީ 17 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އޮތް ސެވިއްޔާ އެވެ. ތިން ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ރެއާލް ބެޓިސް އެވެ. އެތުލެޓިކޯ ހަތަރެއްގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ލީގުގެ އަށް ވަނައިގައި އޮތީ 16 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.
ބާސެލޯނާ މި ހަފްތާގައި 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، އޭގެ މާޔޫސްކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ރޭ އޮސަސޫނާއާ އެއްވަރުވެ. ލީގުގެ މަތީ މަގާމެއްގައި ނިންމަން އެ ޓީމަށް ސީޒަން ދެ ބައި ނުވަނިސް ވެސް މި ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ބާސެލޯނާ އަށް ނިކޮލަސް ގޮންޒާލޭޒް ލީޑުނަގައިދީފައި ވަނިކޮށް އޭގެ ދެ މިނިޓް ފަހުން ޑޭވިޑް ގާސިއާ ވަނީ އޮސަސޫނާ އަށް އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ އުމުރުން 19 އަހަރުގެ އަބްދުއްސަމަދު އެޒަލްޒޯލީ ވަނީ އަލުން ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗު ނިމެން ދެ މިނިޓަށް ވެފައި އޮއްވައި އެޒެކީލް އަވީލާ ވަނީ އޮސަސޫނާ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ މި ފަހަރު ލީގުގައި ބާސެލޯނާ އެއްވަރުވި ހަ ވަނަ މެޗެވެ. މޮޅުވީ ވެސް ހަ މެޗުންނެވެ. ހަތަރު މެޗުން ބަލިވި އެވެ. ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޒަވީ ހެނާންޑޭޒަށް ވެސް އެ ޓީމު ހަމަޔަކަށް އެޅުވުން މި ވަނީ ޗެލެންޖަަކަށް ވެފަ އެވެ.
ރެއާލް ދަނޑުގައި އެ ޓީމުން ވަނީ މެޗުގެ 16 ވަނަ މިނިޓްގައި ކެޕްޓަން ކަރިމް ބެންޒެމާ ޖެހި މޮޅު ގޯލުން ލީޑުނަގައިފަ އެވެ. ވިނީޝިއަސް ޖޫނިއާ ނެގި ހުރަހަކުން ބެންޒެމާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދޭން އެންޓޮއިން ގްރީޒްމަން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފް ފެށިގެން 12 މިނިޓް ތެރޭ ވިނީޝިއުސް ދިން މޮޅު ޕާހަކުން މާކޯ އަސެންސިއޯ ވަނީ ލީގުގައި މި ފަހަރު ފުރަތަމަ ފަހަރަށް ގޯލެއް ޖަހައި ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ.
އެންމެ ފަހުން ކުޅުނު 23 މެޗުން ރެއާލް ބަލިވީ އެންމެ ދެ ފަހަރު އެވެ. ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް އެންމެ ފަހުން މެޗަކުން ބަލިވީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ. ރޭގެ މޮޅަކީ ޖެހިޖެހިގެން ރެއާލް މޮޅުވި 10 ވަނަ މެޗެވެ.












