މިފްކޯގެ "މަސްވެރިންގެ އެޕް" އާއި ފަސްމީރު މަރުކާގެ އާ ފަސް އުފެއްދުމެއް މިއަދު ތައާރަފު ކޮށްފި އެވެ.
އެ އެޕްލިކޭޝަން ތައާރަފުކޮށް ދެއްވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަ ކ. ގާފަރުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ މިދިޔަ ހަފުތާގައި "އަދަދު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ތަރައްގީގެ މަޝްރޫއުތަކާއެކު މަސްވެރިންނަށް މިހާރަށް ވުރެ ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުން ކަމަށެވެ.
އެކަމަށްޓަކައި މަސްވެރިންނާ ގުޅޭ ހިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ އަކީ މޯބައިލް އެޕް ކަމަށް ފައުޒީ ވިދާޅުވި އެވެ.
އެ އެޕުން، ދޯނި ކިރުވި މަހުގެ އަދަދާއި، ލިބޭ ފައިސާ އާއި ތެޔޮ ދޫކުރި ވަރާއި އެހެން ހިދުމަތްތައް ފެންނާނެ އެވެ.
މިފްކޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ މަސްވެރިންނަށް އެޕް ދޫކޮށްލާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އޭގެ ކުރިން އެޕް ބޭނުން ކުރާނެ ގޮތްތައް ބުނެދީ އަހުލުވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

މިފްކޯއިން ތައާރަފުކުރި ފަސް ޕްރޮޑަކްޓް
ތައާރަފުކުރި ޕްރޮޑަކްޓްތައް
މަސްވެރިންގެ ދުވަހާ ގުޅިގެން މިފްކޯއިން ވަނީ އިތުރު ފަސް ޕްރޮޑަކްޓެއް ތައާރަފުކޮށްފަ އެވެ. އެއީ ޒައިތޫނި ތެލުގައި ބަނޑައިދުލާއި، ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ ޓޫނާ އާއި، ޓޫނާ ސްޕްރެޑް، ޓޫނާ އަސާރަ އަދި ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ސްޕެގެޓީ އެވެ.
"މި ތަކެތި ތައާރަފުކުރީ ޑިމާންޑް އޮތުމުން. ޓޫނާ ސްޕްރެޑުން ސޭންޑްވިޗް ވަގުތުން ހަދާލެވޭ،" އޮފިޝަލަކު މިރޭ ވިދާޅުވި އެވެ.










