ރާއްޖޭގައި ބޭއްވޭ އެންމެ މަގުބޫލު ފުޓްސަލް މުބާރާތުގެ ގަދަ 16 ބުރުގެ ފަހު މެޗުތަކުން މޮޅުވެ، މުބާރާތުގެ ވަރުގަދަ ބާރުތައް ކަމަށްވާ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، އެމްޕީއެލް، ޓީމު ފެނަކަ އަދި އެސްޓީއޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުކޮށްފި އެވެ.
މިރޭ ދެ ވަނަ ބުރުގައި ދިރާގު އަތުން އާރްއާރްސީ މޮޅުވީ 8-3 އިންނެވެ. އުރީދޫ އަތުން އެމްޕީއެލް 6-1 އިން މޮޅުވިއިރު، ޓީމު ފެނަކަ އިން ވަނީ 3-0 އިން ސްޓެލްކޯ ބަލިކޮށްފަ އެވެ. އަދި އެސްޓީއޯ އިން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓީ ޓްރޭޑް ކްލަބްގެ މައްޗަށް 5-1 އިން ކުރިހޯދައިގެންނެވެ.
ކުއާޓާ ފައިނަލް މެޗުތައް:
ޕްރިޒަން ކްލަބް - އެމްއޭސީއެލް (ހޮނިހިރު، 20:15)
ކްލަބް އެޗްޑީސީ - އެފްއެސްއެމް (ހޮނިހިރު، 22:15)
އެމްޕީއެލް - އާރްއާރްސީ (އާދިއްތަ، 20:15)
އެސްޓީއޯ - ފެނަކަ (އާދިއްތަ، 22:15)
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ އާރްއާރްސީން ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. އޭރިއާބޭރުން ގަބޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ އާރްއާރްސީން އިތުރު ފަސް ގޯލު ޖެހި އެވެ. މި ގޯލުތައް ޖެހީ ގަބޭ، އިސްމާއިލް މުނީޒް، އިބްރާހިމް މައިޝާން، އަލީ ޝިފާއު (ރޮނާ) އަދި އާދަމް ނާސިހު (އާދަންނާ) އެވެ.
ދިރާގުގެ ޔޫހު ނަސީރާއި އިބްރާހިމް އަތީގް ހަސަން (އިއްބެ) އެ ޓީމަށް ދެ ގޯލު ޖަހައިދީފައިވަނިކޮށް އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އެ ޓީމުގެ ހަތް ވަނަ ގޯލު ޖަހައިފަ އެވެ. ޔޫހު އިތުރު ގޯލެއް ޖަހައި ދިރާގަށް ދިން ވަނަ ގޯލެއް ކާމިޔާބު ކޮށްދިންއިރު، އާރްއާރްސީން މެޗު ނިންމާލީ އަލީ ޝާމިސް (ތޮއްޕޭ) ވައްދާލި ގޯލާ އެކު އަށް ލަނޑު ޖަހައިގެންނެވެ.

ޓްރޭޑް ކްލަބްގެ ކީޕަރު ކައިރިން އެސްޓީއޯގެ ވައްޖޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
އުރީދޫ ކޮޅަށް އެމްޕީއެލްގެ މުހައްމަދު ޔަފާއު (ޔާ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޔާގެ އިތުރުން ދެން އެމްޕީއެލް އިން ގޯލުތައް ޖެހީ ހަަސަން ނިމާލް، ސިނާން އިބްރާހިމް ރަޝީދު، ނާއިހު މުފީދު އަދި އަހުމަދު އިމާޒް (އާއްކޮ) އެވެ.
ގައުމީ ޓީމުގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު) އުރީދޫ ޓީމަށް ކުޅުނުއިރު، އެ ޓީމުގެ ގޯލު ޖެހީ ހުސެއިން އާތިފް އެވެ.
ސްޓެލްކޯ ކޮޅަށް ފެނަކަަ ޓީމުން ގޯލުތައް ޖެހީ އަޔާޒު އަހުމަދު (އަޔާ)، އަހުމަދު ހަލީމް (އައްމަޑޭ) އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. މީގެ ތެރެއިން އަޔާ އަކީ ކުރިން ސްޓެލްކޯ އަށް ކުޅުނު ކުޅުންތެރިއެކެވެ. މިރޭ މެޗުގެ މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމުގެ އައްމަޑޭ އެވެ.
އެސްޓީއޯ އިން ޓްރޭޑް ކްލަބް ބަލިކުރި މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެސްޓީއޯގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ވަޖީހު (ވައްޖެ) ދެ ގޯލުގެ އިތުރުން އިނާން އަހުމަދު، އަމީން އިބްރާހިމް އަދި ޝާން އަހުމަދު އެވެ.
ޓްރޭޑްގެ ހަމައެކަނި ގޯލު ޖެހީ ސައިފާން އަހުމަދު މަނިކް އެވެ. ސައިފާން ވަނީ މުބާރާތުގައި ޓްރޭޑް ކްލަބަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.












