ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ދެ ވަނަ ބުރުގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ކްލަބް ވެމްކޯ, 3-1 އިން އެފްއެސްއެމް އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ކުއާޓާގައި ހޮނިހިރު ދުވަހުގެރޭ އެފްއެސްއެމް އިން ނުކުންނާނީ މިރޭ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަތުން 6-1 އިން މޮޅުވި ކްލަބް އެޗްޑީސީއާ ދެކޮޅަށެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ވެމްކޯ އިންނެވެ. އެންމެ ފަހުން ކުޅުނު ކްލަބް މޯލްޑިވްސް ކަޕްގައި 2019 ވަނަ އަހަރުގެ ފައިނަލުން ބަލިވި ވެމްކޯ އަށް މިރޭ ލީޑުނަގައިދިނީ އަށް ވަނަ މިނިޓްގައި އަލީ ހާފިޒް (ހާއްޕެ) އެވެ.
ފުރަތަމަ ހާފުގައި ވެމްކޯ ލީޑުގައި އޮވެގެން ނިންމާލިއިރު، ދެ ވަނަ ހާފަށް އެފްއެސްއެމް އިން ނުކުތީ ރަނގަޅު ރޭވުމެއްގަ އެވެ. އެ ޓީމުން މޮޅުވީ މި ހާފުގައި ތިން ގޯލު ޖަހައިގެންނެވެ.
އެފްއެސްއެމް އިން ތިން ގޯލު ޖެހީ ވެސް ފަހު ހަތް ވަރަކަށް މިނިޓް ތެރޭ އެވެ. މެޗުގެ 34 ވަަނަ މިނިޓްގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޒިޔާދު އެފްއެސްއެމަށް އެއްވަރުކޮށްދިނެވެ. ޖެހިގެން އައި މިނިޓްގައި މުހައްމަދު ތޯހިރު އެފްއެސްއެމަށް ލީޑުނަގައިދިނެވެ. އެއާ އެކު ވެމްކޯ އިން ނަތީޖާ ހަމަހަމަކުރަން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ.

ވެމްކޯ ޓީމުގެ ހާއްޕެ (ވ) އެފްއެސްއެމްގެ ވިޖޫ ކައިރިން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވެމްކޯގެ ހާއްޕެ އާއި ކެޕްޓަން، އަބްދުﷲ ޝައްފާން (ޝާކާ)ގެ އިތުރުން މުހައްމަދު އިމްރާން (އިންމި) ފޮނުވާލި ބޯޅަތައް އެފްއެސްއެމްގެ ގޯލުގައި ހުރި ކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) ވަނީ މަތަކޮށްފަ އެވެ. އެ ވަގުތު ރެފްރީގެ ބައެއް ނިންމުންތަކާ މެދު ވެމްކޯ އިން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ވެމްކޯ އިން ލަނޑު ޖަހަން ކުރިއަށް އަރައި ތިބި ވަގުތެއްގައި އެފްއެސްއެމް އިން ކައުންޓަ އެޓޭކެއްގައި ތިން ވަނަ ގޯލެއް ޖެހި އެވެ. މި ގޯލު ޖެހީ އެފްއެސްއެމްގެ ނާއިފް ޝަފީގް (ސީއާރް3) ރަނގަޅު ތަނަށް ހުސްކޮށްލާފައި ދިން ބޯޅައަކުން އަހުމަދު ވިޖުދާން (ވިޖޫ) އެެވެ. މެޗަށް ފަހު އެފްއެސްއެމް އިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ވެމްކޯ ކެޓުމާ އެކު އެންމެ ފަހުން ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ކުޅުނު ދެ ޓީމު ވެސް މި ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ކުރިން ކަޓައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ.
މި ފަހަރުގެ މުބާރާތުގައި މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ އެޗްޑީސީން ކުއާޓާ އަށް ދިޔައީ ސިފައިން އަތުން މިރޭ ފަސޭހަ މޮޅެއް ހޯދައިގެންނެވެ. މި މެޗުގައި އެޗްޑީސީގެ އިބްރާހިމް ރިމާހު (ރިމޭ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ތިން ގޯލު ޖެހީ ޓީމުގެ ކެޕްޓަން މުހައްމަދު ޔާމީން (ޔާންޓެ)، އަހުމަދު ސިޒާން އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ސިފައިންގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ފާރިޝް އަހުމަދު އެވެ.
ޕްރިޒަން ކްލަބުން ވަނީ ދެ ވަނަ ބުރުގެ ފުރަތަަމަ މެޗުގައި ފޯރިގަދަ ކުޅުމަކަށް ފަހު 3-2 އިން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.
ޕްރިޒަންގެ ފަރާތުން މި މެޗުގައި ފެނުނީ ވަރުގަދަ ފެށުމެކެވެ. ފުރަތަމަ 12 މިނިޓް ތެރޭ ތިން ގޯލު ޖެހި އެވެ. ސާޖިދު ރަޝީދު ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ މުރުތަޖާ މުހައްމަދު އެވެ. ސާޖިދު ފުރަތަމަ ގޯލު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެެވެ.
ފުރަތަމަ ހާފުގައި ޕޮލިހުގެ މުހައްމަދު އަލީ (މޯޑު) އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިިދިނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ޕޮލިހަށް ގޯލެއް ޖެހޭ ގޮތްވީ މެޗުގެ ފަހު ވަގުތެވެ. އެ ގޯލު ޖެހީ ޒާއިދު މުސްތަފާ އެެވެ. އެ އަށް ފަހު އިތުރު ގޯލެއް ޖަހަން ޕޮލިހުންނަށް މާ ގިނަ ވަގުތެއް ނުލިބުނެވެ. މި ހާފުގައި ޕްރިޒަން އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
އެމްއޭސީއެލް ކުއާޓާ އަށް ދަތުުރުކުރީ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އެމްޓީސީސީ ކަޓުވާލުމަށް ފަހު އެވެ. އެމްއޭސީއެލް ޕެނަލްޓީގައި މޮޅުވީ 4-3 އިންނެވެ.
ޕެނަލްޓީގައި ފުރަތަމަ އެމްއޭސީއެލްގެ ސައްޔާހު އައްބާސް ޕެނަލްޓީ ކާމިޔާބުކުރިއިރު، އެމްޓީސީސީގެ އަލީ ނާފިއު (ކަޅޭ) ޖެހި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. އޭގެ ފަހުން އެމްއޭސީއެލް އާއި އެމްޓީސީސީން ފޮނުވާލި ތިން ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްއޭސީއެލްގެ ޕެނަލްޓީތައް ފޮނުވާލީ އަލީ ޝާފިއު، އަބްދުﷲ ސުޒޭރު އަދި އަޒްޔާން އިބްރާހިމް އެވެ. އެމްޓީސީސީން ޕެނަލްޓީ ކާމިޔާބުކުރީ ހަސަން މިފްރާހު، އަބްދުﷲ މުއާޒް (އޮޓޯ) އަދި މުހައްމަދު ޝަހުޒާން އެވެ. އޭގެ ފަހުން އެމްއޭސީއެލްގެ އަހުމަދު ސިނާހު ފޮނުވާލި ޕެނަލްޓީ އެމްޓީސީސީގެ ކީޕަރު އިސްމާއިލް އިބްރާހިމް މަތަކުރި އެވެ. އެކަމަކު، އެ އަށް ފަހު އެމްޓީސީސީގެ އަލީ އަބްދުﷲ ޖެހި ޕެނަލްޓީ ގޯލާ ސީދާނުވެ ބޭރަށް ދިއުމުން އެ ޓީމު ބަލިވެ، މުބާރާތުން ވެސް ކެޓީ އެވެ.
ކުއާޓާގައި އެމްއޭސީއެލް އާއި ޕްރިޒަން ކުޅޭ މެޗު ވެސް އޮންނާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ބާކީ ހަތަރު މެޗު މާދަމާ ކުޅޭނެ އެވެ. އެމްޕީއެލް ކުޅޭނީ އުރީދޫއާ އެވެ. ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރާނީ ދިރާގާ އެވެ. އެސްޓީއޯ އިން ޓްރޭޑް ކްލަބާ ކުޅެން ޖެހޭއިރު، ފެނަކަ ބައްދަލުކުރާނީ ސްޓެލްކޯއާ އެވެ.












