މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތައް ދޫކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.
ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމި އެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.
އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އޭސީސީއަށް އެ މައްސަލަ އިއްޔެ ހުށަހަޅާފައިވާކަން އެ ކޮމިޝަންގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ ޕާކިން ސްލޮޓު ދޫކުރި ގޮތާ މެދު ސުވާލު އުފައްދައި، ގުރު ނަގާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ފޯމުލުމަށްފަހު ދޫކުރި ސްލިޕްގައި ނަމްބަރު ނެތް ކަމަށް ބައެއް މީހުން ބުންޏެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެފައި ވަނީ ޕާކިން ޖާގައަށް ކުރިމަތިލި މީހުންނަށް ސްލިޕް ނަމްބަރެއް ހަވާލުކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް ނަރީޝް ވިދާޅުވީ ފޯމު ހަވާލުކުރިއިރު އިދާރީ ގޮތުން ދިމާވި ކަމެއްގެ ސަބަބުން ބައެއް މީހުންނަށް ސްލިޕް ނަމްބަރު ދޫނުކުރެވިފައިވާ ނަމަވެސް ގުރު ނަގާފައި ވާނީ އިންސާފުވެރިކޮށް ކަމަށެވެ.
"ވަރަށް އިންސާފުވެރިކޮށް ގުރުއަތު ނެގީ. ޔަގީންކަން ދޭނަން މިކަމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމުގެ. ބައިވަރު މީޑިއާތައް ކުރިމަތީގަ އަޅުގަނޑުމެން ގުރު ނެގީ،" ނަރީޝް ވަނީ ވިދާޅުވެފަ އެވެ.













