ކައިވެނިކޮށްގެން ނަމަވެސް ނުރުހުމުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެއީ ރޭޕް ކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.
އެ ބިލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާގެ އިތުރުން ޖިންސީ ގޯނާއަކީ ކޮބައިކަން ތަފްސީލުކޮށްވަނީ ބަޔާންކޮށްފަ އެވެ. އަދި ފިރިމީހާ, އަނބިމީހާ ރޭޕްކުރުމުގެ ކުށަށް އިސްލާހު ގެނަ އެވެ.
ހަމައެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ވެސްވަނީ މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑައަޅައި އެކަމުގެ ހަމަތަކާއި އުސޫލުތައް ވެސް ބަޔާންކޮށްފަ އެވެ.
މި އިސްލާހަށް މަރުހަބާ ކިޔަމުން ޖަމިއްޔާތަކުން ބުނެފައިވަނީ ޖިންސީ ކުށުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު، އެ ކުށުގެ ޝިކާރައަށްވެފައިވާ މީހުންނަށް އިންސާފު ލިބޭނެ ކަމަށެވެ.

އެ ގާނޫނަށް ދެން ގެނެސްފައިވާ މުހިންމު އިސްލާހުތައް:
- ރޭޕްކުރުމާއި ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރުމަށް ލާޒިކުރުން.
- ތަހުލީލުތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން.
- ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތާއި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލު އެކުލަވާލުން.
- ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމަށާއި، އެ ސާމްޕަލްތަކުގެ ފޮރެންސިކް ތަހްލީލުކުރުމަށް ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ރުހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު.
- ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނަގައި އެ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލު.
- ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްހީ އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުރުން ލާޒިމް. (އެ ފަރާތްތަކަކީ "ވިކްޓިމް ސެންޓާޑް އަދި ޓްރައުމާ އިންފޯމްޑް" ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަށްވާންވާނެ.)












