ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށުގެ ކަނޑޫފާތައް މަރުވެ ހަލާކުވެފައިވާ މައްސަލާގައި ދިރާސާކުރުމަށް އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ)ގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.
މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހަތަރު މެންބަރުންގެ މި ޓީމުން އުތުރުގައި މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރާނެ އެވެ. މިކަން ކުރާނީ އުތުރުގެ އަށް ރަށް ކަމަށްވާ ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކޮޅުދޫގަ އެވެ.
މި ރަށްތަކުގައި ތިމާވެށީގެ މިންގަނޑުތައް މިނެކިރުމަށް ބޭނުންވާ ގަސްގަހާގެހި، ސޫފާސޫފީގެ އަދި ސެޑިމެންޓްސްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ އެވެ. ސީޔޫއެސްއޭޓީން ކުރާ މި ތަހުގީގު މަގުސަދަކީ، ކަނޑޫފާތައް ހަލާކުވެ، ހަލާކުވެފައިވާ އަދި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިއާދަކުރުމެވެ.
ރަށްރަށުން ސާމްޕަލްތައް ނެގުމަށްފަހު އީޕީއޭއާއެކު ސީޔޫއެސްއޭޓީން މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ނެޝަނަލް ލެބްގައި ފީލްޑް (ފަންގަލް ސްޕީޝީޒް އައިސޮލޭޝަން އަދި ޑީއެންއޭ ނެގުން ފަދަ) އެއްކުރެވޭ ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާނެ އެވެ. މި ޓީމު އިންޑިއާއަށް ފުރާނީ ރިފައިންޑް ސާމްޕަލްހިފައިގެންނެވެ.
ސީޔޫއެސްއޭޓީގެ ސައިންސްވެރިންގެ ޓީމުން ސައިންޓިފިކް ގޮތުން ތަހުލީލުކޮށް، މެޓަޖެނޮމިކްސް ހިމެނޭ ގޮތަށް ރިފައިންޑް ސާމްޕަލްތައް ތަހުލީލުކޮށް، 3-4 މަސް ދުވަހުގެ ތެރޭގައި ފައިނަލް ޓެކްނިކަލް ރިޕޯޓެއް ނެރޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ރިޕޯޓްގައި ކަނޑޫފާތަށް މަރުވާ ސަބަބުގެ އިތުރުން އަދި، ކަނޑޫފާ ސަރަހައްދުތައް ބަލަހައްޓާ އެ ސަރަހައްދުތައް ރިހެބިލިޓޭޓް ކުރުމަށް މުސްތަގުބަލުގައި އަމަލުކުރާނެ ގޮތްތައް ވެސް ހިމެނޭ އެވެ.

ބޮޑެތި ކަނޑޫފާތަށް މަރުވާ ސަބަބު ދެނެގަތުމަށް މެންގްރޫވް ޑައި-އޮފް އެނަލިސިސް ހެދުމަށް ސީޔޫއެސްއޭޓީ އާއި އީޕީއޭއާ ދެމެދު އެއްބަސްވުމެއް ސޮއިކުރެވުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ހަމަ އެ މަހު ސީޔޫއެސްއޭޓީއަށް ސާމްޕަލް ފޮނުވި އެވެ.
މި އަހަރުގެ ޖޫން މަހު، ފުރަތަމަ ތަހުލީލުތަކުގެ ޕްރިލިމިނަރީ ރިޕޯޓްތައް އީޕީއޭއަށް ފޮނުވާފައިވެ އެވެ. ފުރަތަމަ ރިޕޯޓުތަކުން ހާމަވި ގޮތުގައި މެންގްރޫވްސް ބަލިކަށިކޮށްލާ ފަންގަސްއެއް ފެންނަން އޮވެ އެވެ. އިތުރު ބޭސްލައިން އިންވެސްޓިގޭޝަންތައް އެއްކުރުމަށް ފީލްޑް ވިޒިޓްއަކަށް ލަފާދިނީ ސީޔޫއެސްއޭޓީއިންނެވެ.











