އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑަރ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގެ ބޭރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކްރިކް ރިޒާއާއި އެކު އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ދެއްކި ކަމަށް ބުނާ ވާހަކައެއް އޭނާގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި ހުށަހެޅުމުން ދައުލަތުން އެ ހެކި ބަލާގަތުމަށް އިއުތިރާޒްކޮށްފި އެވެ.
ޝަރީއަތުގެ ކުރީގެ މަރުހަލާގައި މަޑުޖެހިފައި އޮތް މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމާމެދު މި މައްސަލަ ބައްލަވަމުން ގެންދަވާ އެ ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް އަދި ގޮތެއް ނުނިންމަވަ އެވެ.
ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ހާމަކުރުމެވެ. މި އަޑުއެހުމުގައި ދައުލަތުން 3 ކަމަކަށް އެދިފައި ވެއެވެ.
ދިފާއުގައި ހުށަހެޅި ބައެއް ހެކިތައް ބަލާނުގަތުމަށް
ދައުލަތުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރ މަރިޔަމް ޝަހުމާ ވިދާޅުވީ ތަހުގީގުގެ ބޭރުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރާއި އެކު ކްރިކް ރިޒާ ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ ސިއްރު ހެއްކަކީ "އޮފް ދަ ރިކޯޑްކޮށް" ނުރަސްމީ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެއީ ކްރިކް ރިޒާއަށް ކުރާ ދައުވާއާއި ގުޅުން ހުރި ހެއްކެއްގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިފާއުން މި ހެކި ހުށަހަޅާފައި ވަނީ ފުލުހުންގެ ތަހުގީގުގެ ބޭރުން ޖިނާއީ އިޖުރާތިގެ ގާނޫނާއި ހިލާފު ހުށަހެޅުންތަކެއް ކްރިކް ރިޒާއަށް، އޭސީޕީ ރިޔާޒް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
ރައްދުގައި ޝަހުމާ ވިދާޅުވީ ދައުވާ ރައްދުވާ ފަރާތާއެކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާ ކުރުމުގެ ބާރު ޕީޖީއަށް ލިބޭއިރު، އެކަން ކުށެއްގައި ތުހުމަތު ކުރެވޭ ފަރާތަށް ފުލުހުންނަށް ސާފުކޮށްދެވިދާނެ ކަމަށާއި، އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
މިފަދައިން ވިދާޅުވުމަށްފަހު ސިއްރު ހެއްކެއްގެ ގޮތުގައި ދިފާއުން ހުށަހަޅާފައިވާ މި އޯޑިއޯ ރެކޯޑިންގ ހާމަކުރުމަށް ދައުލަތުން އެދުނެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ އެކަމުގައި ގޮތެއް ނިންމަވާނީ ދިފާއުގެ ރައްދާއި ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު، ދެ ފަރާތުން ދައްކާ ވާހަކަތަކަށް ރިޔާއަތް ކުރުމަށް ފަހުގައި ކަމަށެވެ.
ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މި ހެކި ސާބިތުކުރުމަށް ޝަފަހީ ހެއްކެއްގެ ގޮތުގައި ދިފާއުން ހުށަހަޅާފައި ވަނީ އެ ރިކޯޑިންގްގައި ވާހަކަދައްކާ ކަމަށް ތުހުމަތު ކުރާ އޭސީޕީ ރިޔާޒާއި، އިބްރާހިމް މުހައްމަދުފުޅު ކިޔާ މީހެކެވެ.
މީގެ އިތުރުންވެސް ދައުލަތުން ކުރާ ތުހުމަތުން ބަރީއަވުމަށް ދިފާއުގައި ހުށަހަޅާފައިވާ ބައެއް ހެކިތައް ދެކޮޅު ނުޖެހޭކަން ފާހަގަކޮށް، ދައުލަތުގެ ވަކީލް ވަނީ އެ ހެކިތަކަކީ އުފައްދައިގެން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް ތުހުމަތު ކުރައްވާ ފައެވެ. އޭނާ ވިދާޅުވީ ކަޅު ފައިސާ ދޮވުނު ކަމުގެ ތުހުމަތުން ބަރީއަވުމަށް، ރިޒާ މަސައްކަތް ކުރަނީ އެ މުއާމަލާތަކީ ސައްހަ ވިޔަފަރީ މުއާމަލާތެއް ކަމުގައި ދެއްކުމަށް ކަމަށެވެ.
ހެކި ހާމަކުރުމަަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމަށް
ދައުލަތުގެ ފަރާތުން ވަނީ ރިޒާ ހުށަހަޅާފައިވާ 12 ވައްތަރެއްގެ ހެކި ހާމަކުރުމަށް އެދިފައެވެ. އެއީ:
- ޝަރީއަތަށް ހުށަހެޅި އީމެއިލްތަކުގެ އެޓޭޗްމެންޓްތައް
- އެ އީމެއިލްގެ އިންބޮކްސް އައި އައުޓްބޮކްސް ބެލުމަށް
- އޭ އެންޑް އޭ އިން ފޮނުވި އިންވޮއިސްގެ އިތުރުން އެ މުއާމަލާތުގައި ހިމެނޭ އެހެނިހެން އިންވޮއިސްތައް
- އޭ އެންޑް އޭ އާއި އެކު އެއްބަސްވުމަކަށް ވާސިލްވުމަށް ލިޔުމުން ކުރެވުނު ހުރިހާ މުއާމަލާތެއް
- ކޮންސެލްޓެންސީގެ ދަށުން އެކުލަވާލެވުނު ޕްލޭން
- އޭ އެންޑް އޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބިދޭސީ ދެ ފަރާތުގެ ޕާސްޕޯޓް ނަމްބަރާއި ކޮޕީ
- ކޮންސެލްޓެންސީ ރިޕޯޓް ތައްޔާރު ކުރި ތާރީހް
- އެ ރިޕޯޓް އޭ އެނޑް އޭ އާއި ހިއްސާ ކުރި ތާރީހް
- އެ އެއްބަސްވުމަށް އިސްލާހެއް ނުވަތަ ބަދަލެއް އައިސްފައި ވާނަމަ އެކަމެއް
- ހުށަހަލާފައިވާ ބިލްތަކުގެ އަގު އަދާކޮށްފައިވާ ގޮތް
ދައުލަތުން ވިދާޅުވީ މި ހުށަހެޅުމަށް ދިފާއުން ލިޔުމުން ދީފައިވާ ޖަވާބުގައި ވަނީ މި މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައި ވުމުން ބައެއް ހެކިތައް ގެއްލިފައިވާ ކަމަށް ބުނެ އެ ހެކިތައް ހާމަކުރުމަށް އުޒުރުވެރިވެފައި ކަމަށެވެ. އަދި ދައުލަތުން ހާމަކުރުމަށް އެދިފައިވާ ހެކިތަކަކީ މައްސަލައިގެ މައިގަނޑު ބިނާ ކުރާ ވާގިއާތުތައް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ބައެއް ހެކިތައް ހާމަކުރާނީ މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ކަނޑައެޅުމުން ކަމަށްވެސް ދިފާއުގެ ރައްދުގައި ވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް މިދިޔަ ސެޕްޓެމްބަރު 5 ގައި ކަނޑައަޅާފައިވާ ކަމަށް ވަކީލް ޝަހުމާ ވިދާޅުވި އެވެ.
ދައުލަތުން ދެކެނީ މި މައްސަލާގައި ރިޒާ ހެކި ހުށަހަޅާފައި ވަނީ ހެކި އުފައްދައިގެން ނުހިނގާ މުއާމަލާތެއް ހިނގި ކަމަށް ދެއްކުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިފާއުގައި ހެކި ހުށަހަޅާނީ އުފައްދައިގެން ކަމުގައި ގަބޫލުކުރެވޭ ކަން ފާހަގަކޮށް އެކަމުގެ ނުރައްކާ ވަޒަން ކުރުމަށް ގާޒީ ޝަކީލްގެ އަރިހުގައި ވަކީލް ޝަހުމާ އެދުނެވެ.
ޒާތީ މައުލޫމާތުތައް އުނިކޮށް ހެކި ރައްކާތެރިކުރުމަށް
ދައުލަތުން ދެން އެދުނީ މޯބައިލް ފޯނުންނާއި ކޮމްޕިއުޓަރުން ނެގި މައުލޫމާތުތަކުގެ އަލީގައި ފުލުހުން ތައްޔާރު ކުރި ފޮރިންސިކް ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ދިފާއުއަށް ހާމަ ނުކުރުމަށެވެ. އެއީ އެ މައުލޫމާތުތަކަކީ ޒާތީ މައުލޫމާތުތަކަކަށް ވުމުން، އެ ވާހަކަތައް މުޖުތަމައުއަށް ފެތުރި، ތަހުގީގަށް ހުރަސް އެޅިގެން ދިއުމުގެ އިހްތިމާލު އޮތުމުން ކަމަށް ވިދާޅުވި އެވެ.
ރިޒާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ބުނީ އޭ އެންޑް އޭ ކުންފުންޏާއި ރިޒާއާއި ދެމެދު 1.5 މިލިއަން ޑޮލަރުގެ ވިޔަފާރީ މުއާމަލާތެއް ހިނގި ކަމަށް ދައްކަން ދިފާއުން އުޅުނު ނަމަވެސް، އެއީ އިގްތިސޯދީ ނަޒަރަކުން ބެލި ކަމުގައި ވީނަމަވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
އެގޮތުން ކުއްޔަށް ހިފާނެ ރަށެއް އިހްތިޔާރު ނުކޮށް، އެރަށް ލިބޭނެ އިންތިޒާމްތައް ކަށަވަރު ނުކޮށް، އެރަށެއްގެ ލޭންސްކޭޕް ކުރަހާ ކޮންސަލްޓެންސީ ދިނުމުގެ ހިދުމަތަކަށް ފައިސާ ދެއްކުމަކީ އާންމު ވިސްނުމުން ވިސްނާއިރުވެސް، ހަމަޖެހޭ ވާހަކައެއް ނޫންކަން ޝަހުމާ ފާހަގަކުރެއްވި އެވެ.
"ދައުވާލިބޭ ރިޒާގެ ފަރާތުން މަސައްކަތްކުރަނީ ނުހިނގާ މުއާމަލާތެއް ހިނގިކަމަށް ދައްކައި އެ ފައިސާއަކީ ވިޔަފާރީ ބޭނުމަށް ހިނގި ކަމެއް ކަން ދައްކަން" ދައުލަތުގެ ވަކީލް ޝަހުމާ ވިދާޅުވި އެވެ.
އެދުވަހުގެ އަޑުއެހުމުގައި ދިފާއުން ރައްދު ދިނުމުގެ ބަޔާއި، ދިފާއުގެ ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ނުގެންދިޔައީ ޝަރީއަތް ތާވަލް ކުރި ގަޑިއަށް ނުފެށި ދެ ގަޑިއިރުވިކަން ދައުވާ ރައްދުވާ ފަރާތުން ފާހަގަކޮށް އެކަމާއި ޝަކުވާ ކުރުމާއި ގުޅިގެންނެވެ. އަދި ކޯޓުގައި ޖުމްލަ ފަސް ގަޑިއިރު ހޭދަވެފައިވާ ކަމަށް ވިދާޅުވެ، ރިޒާގެ ބަލި ހާލަތު ހުރިގޮތުން އެހާ ގިނައިރު އިށީނދެ ނުއިދެވޭނެ ކަމަށް ބުނެ، އެކަމަށް ބާރުދޭ ސިއްހީ ލިޔުންތައް ޝަރީއަތަށް ހުށަހަޅާފައި ވާތީ އެވެ.
އެކަމަށް ދައުލަތުންވެސް އިއުތިރާޒު ކޮށްފައި އެއް ނުވެ އެވެ. ދައުލަތުންވެސް އެދުނީ އެހާ ގިނަ ވަގުތު އެ އަޑުއެހުމަށް ގޮސްފައިވާތީ، އެހެން ދުވަހެއްގައި އެބައި ކުރިއަށް ގެންދެވުމަށެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއް ގާޒީ ޝަކީލް ވިދާޅުވެފައި ނުވެ އެވެ. އެހެން ނަމަވެސް އިސް ގާޒީ މަސައްކަތް ކުރައްވަމުން ދަނީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ވީ އެންމެ އަވަހަކަށް ނިންމުމަށްފަހު މި މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.
ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތައް
ކްރިކް ރިޒާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައި ވެއެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ.
އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.













