ލަންޑަން (ޑިސެމްބަރު 4) - އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯން ފެތުރެމުންދާތީ އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ރިލީސްކުރަން ޔޫރަޕްގެ ކްލަބްތަކުން ދެކޮޅު ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެފްރިކާގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާ އެކު އޮމިކްރޯން ވޭރިއަންޓް ވަނީ ފެތުރެން ފަށައިފަ އެވެ. އެހެންވެ، ބައެއް ގައުމުތަކުން މިހާރު ވަނީ އެފްރިކާ އަށް ދަތުރުފަތުރުކުރުމުގައި ސަމާލުވާން އަންގައިފަ އެވެ.
އެފްރިކަން ކަޕް އޮތީ ޖެނުއަރީ ނުވަ އަކުން ފެބްރުއަރީ ހަޔަކަށް ކެމަރޫންގަ އެވެ.
ކްލަބްތަކުން އެފްރިކަން ކަޕަށް ކުޅުންތެރިން ދޫކުރަން ބޭނުންނުވާކަން ފުރަތަމަ އެންގީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އަށެވެ. އީސީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮމިކްރޯން ވައިރަހުގެ ނުރައްކާ އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކޮށްގެން ކްލަބްތަކަށް އިތުރު ތަކުލީފެއް އުފުލަން ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ.
އެހެންވެ، އީސީއޭ އިން ވަނީ މި ކަމުގައި ވީ އެންމެ އަވަހަށް ފީފާ ވެސް ބައިވެރިވެގެން ގޮތެއް ކަނޑައަޅަން ހުށަަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އީސީއޭގެ ހުށަހެޅުމަކީ ޖޫން މަހަށް އެފްރިކަން ކަޕް ފަސް ކުރުމެވެ. އީސީއޭ އަކީ ޔޫރަޕްގެ 240 ކްލަބް ތަމްސީލްކުރާ ޖަމިއްޔާ އެކެވެ.
ރިޕޯޓްތައް ބުނާގޮތުން އޮމިކްރޯން ވައިރަހުގެ ނުރައްކާ އޮއްވައި ބައެއް ކްލަބްތަކުން އެފްރިކަން ކަޕް ކުޅެން ގައުމީ ޓީމުތަކަށް ކުޅުންތެރިން ރިލީސްނުކުރާނެ އެވެ. އެ ފަދަ ކަމެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ހިނގި އެވެ.
އިންގްލެންޑުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގައި، ރެޑް ލިސްޓަށް ލާފައި އޮތް ގައުމުތަކަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ކުޅުންތެރިން ރިލީސްނުކުރި އެވެ. އޭގެ ސަބަބުން ދެކުނު އެެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ގިނަ ގައުމުތަކުން ކުޅުނީ މުހިއްމު ކުޅުންތެރިން ނުލަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 40 އަށް ވުރެ ގިނަ ކުޅުންތެރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕް ކުޅެން ގައުމީ ޓީމަށް ދާނެ ކަމަށް ބެލެވެ އެެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ، ޗެލްސީ، ލިވަޕޫލް އަދި އާސެނަލްގެ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ސިޓީގެ ރިޔާދު މާރޭޒް، ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭގެ އިތުރުން ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ހިމެނެ އެވެ.
ޕްރިމިއާ ލީގުގެ ކްލަބްތަކުން އެފްރިކަން ކަޕަށް ކުުޅުންތެރިން ދޫނުކުރާނަމަ އެ ގޮތަށް އެހެން ލީގުތަކުގެ ޓީމުތަކުން އަމަލުކުރުމުގެ ފުރުސަތު ބޮޑެވެ.












