ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކަޓުވާލުމަށް ފަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްއާރްސީ) މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
މެޗު އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުުރެވެން އޮތް ބީއެމްއެލް މިރޭ އާރްޑީސީ އަތުން ބަލިވީ ފޯރިގަދަ މެޗަކަށް ފަހު 2-1 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުން މިރޭ ކްލަބް އެޗްޑީސީން ވަނީ ފަަސޭހަކަމާ އެކު 6-1 އިން ފެން ކްލަބް (އެމްޑަބްލިއުއެސްސީ) ބަލިކޮށްފަ އެވެ.
ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗަށް އާރްޑީސީން ނުކުތީ ފަށާ ފަސް ކުޅުންތެރިންގެ ތެރޭގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އިސްމާއިލް މުނީޒް ހިމަނައިގެންނެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މިރޭ ކުޅުނީ އިބްރާހިމް މައިސާން (މައި) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާރްޑީސީގެ މައި އެވެ.
މެޗު ފަށައިގެން ބީއެމްއެލްގެ އިޝާން އިބްރާހިމް (ސައްޓު) އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި އާރްޑީސީ އަށް ލީޑުނަގައިދިނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މުނީޒް ހުސްކޮށްލާފައި ދިން ބޯޅަ ގަބޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ އާރްޑީސީގެ ދެ ވަނަ ގޯލު ޖެހީ ބިޗަޑް އެވެ. ބީއެމްއެލްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ބިޗަޑް މި ގޯލު ޖެހީ ބީއެމްއެލްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ފައިދަށުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެ ވަނަ ގޯލެވެ.

މިރޭގެ މެޗުގެ ތެރެއިން ބީއެމްއެލްގެ ހުޒޭ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ބީއެމްއެލް އިން ނަތީޖާއެއް ނެރެން ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، ގޯލު ކައިރިން ލިބުނު ހިލޭ ޖެހުމަކުން އިބްރާހިމް ސިނާހު (ސިނާ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ލަނޑެއް ޖަހަން ބީއެމްއެލް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު މިނިޓްގަ އެެވެ. ހުޒައިފަތު ރަޝީދު (ހުޒޭ) އަށް ލިބުނު ކުޑަ ޖާގައިގެ ބޭނުން ހިފައި ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރަން ބީއެމްއެލަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެދުރޮނގު ކައިރިން ގަބޭ އަތުން ބޯޅަ ހޯދައި ސިނާ ގޯލު ކުރިމަތިން ހުޒޭ އަށް ޖައްސާލި ބޯޅަ ދިޔައީ މާ ބާރަށެވެ. އެ ބޯޅަ އަަމިއްލަ އަށް ޖަހަން ވެސް ސިނާ އަށް ފުރުސަތު އޮތެވެ. އެކަމަކު، ހުޒޭ އަށް ދޭން ޖައްސާލި ބޯޅަ ބޭރުވުމާ އެކު މެޗު ނިމުނީ އެވެ.
އެޗްޑީސީން މިރޭގެ މެޗުގައި ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ލިޔާހު، ހަސަން ސުހައިލް، އިބްރާހިމް ރިމާހު (ރިމޭ)، މުހައްމަދު ރިފުއަތު (ރިއްޕެ)، މުހައްމަދު ސުޖާން އަހުމަދު އަދި އިސްމާއިލް ވިފާގް (އިއްސެ) އެވެ. ފެން ކްލަބްގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރައްޔާން އެވެ. މިއީ މި މުބާރާތުގައި އެޗްޑީސީ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
ގްރޫޕް ޑީގެ އެއް ވަަނަ އެޗްޑީސީން ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ހޯދި އާރްޑީސީ އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމާލި ބީއެމްއެލް އަށް ތިން ޕޮއިންޓް ލިބުނެވެ. ފެން ކްލަބް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ދިރާގަށް ގްރޫޕް އީގެ އެއް ވަނަ
މިރޭގެ މެޗަށް ނުކުތްއިރު ވެސް އެފްއެސްއެމަށް އޮތީ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފަ އެވެ. ބަދަލުތަކާ އެކު އެފްްއެސްއެމް އިން މިރޭގެ މެޗު ކުޅުނުއިރު، އެ ޓީމު އަތުން ދިރާގު މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގައި އަލީ ހައިޝަމް (ޗުމްޕު) އެވެ. އޭރިއާ ރޮނގުކައިރިން ޗުމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު، އެފްއެސްއެމް ގޯލުގައި ހުރި މުއްރަތު އާދަމް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެފްއެސްއެމްގެ ކެޕްޓަން ޖުމާން (ކ) ކައިރިން ދިރާގުގެ ޗުމްޕު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސްއެމްވީ
އެކަމަކު، މެޗުގެ ފަހު ކޮޅުގައި އެފްއެސްއެމްގެ ފަސް ފައުލު ހަމަވެގެން ލިބުނު ޕެނަލްޓީން ޗުމްޕު ފޮނުވާލި ބޯޅަ މުއްރަތު ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި އެފްއެސްއެމްގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ދިރާގުގެ ކީޕަރު މުހައްމަދު އައިމަން ވަނީ މަތަކޮށްފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ކްލަބް އިމިގްރޭޝަން އިން ވަނީ 5-4 އިން ޕްލޭނިން މިނިސްޓްރީ ބަލިކޮށްފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް އަމިއްލަ ބާރުގައި އިމިގްރޭޝަނަށް އަނެއް ބުރަށް ދެވެން ނެތެވެ. އިމިގްރޭޝަނަށް ދެ ވަނަ ބުރުގެ ފުރުސަތެއް އޮތީ މި މެޗުން ބޮޑު ތަފާތަކުން މޮޅުވެ، ދިރާގު އަތުން އެފްއެސްއެމް މޮޅުވެގެންނެވެ. އެކަމަކު، ދިރާގުން އެފްއެސްއެމް ބަލިކުރުމުން އިމިގްރޭޝަނަށް އޮތް ހުރިހާ ދޮރެއް ބަންދުވީ އެވެ.
އިމިގްރޭޝަންގެ ގޯލުތައް ޖެހީ އާދަމް އަޒްމީން ދެ ގޯލާއި އަހުމަދު އަޝްފާން (އަޝްކޮ) އާއި ހުސެއިން ނިޔާޒް އަދި އަހުމަދު ފައްރާހު (ފައްރަ) ގޯލެކެވެ. ޕްލޭނިން މިނިސްޓްރީން ގޯލުތައް ޖެހީ އިބްރާހިމް ނޫރައްދީން (އެންޑިން) އާއި މުހައްމަދު މައުރޫފް ހުސެއިން އަދި ހުސެއިން ނަޒީރް ދެ ގޯލެވެ.
މި ގްރޫޕްގެ މެޗުތައް ނިމުނުއިރު، ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ ދިރާގެވެ. ދިރާގުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ލިބުނު އެފްއެސްއެމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ އިމިގްރޭޝަންގެ އޮތީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ ޕްލޭނިން މިނިސްޓްރީން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
މުބާރާތުގައި މާދަމާ ހަވީރާއި ރޭގަނޑު މެޗުތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހަވީރު ކުޅޭނީ ގްރޫޕް އެފްގައި ޕްރިޒަން ކްލަބާއި ރާއްޖެ އޮންލައިން ކުޅޭ މެޗާއި މުބާރާތުން ކަޓާފައިވާ އޭވިއޭޝަން ސެކިއުރިޓީ އާއި ދެ ވަނަ ބުރު ކަށަވަރުކޮށްފައިވާ ފެނަކަ ކުޅޭ މެޗެވެ. ރޭގަނޑު ފުރަތަމަ އޮންނާނީ ގްރޫޕް ޖީގައި ކްލަބް 220 (ޕީޖީ އޮފީސް) އާއި އެމްޕީއެލް ކުޅޭ މެޗާއި ދިވެހި ސިފައިންގެ ކްލަބާއި ސިވިލް ކޯޓު ކުޅޭ މެޗެވެ. މާދަމާރޭ ފަހުން އޮތީ ގްރޫޕް އެޗްގެ މެޗުތަކެވެ. އެސްޓީއޯ އިން މޯލްޑިވްގޭސްއާ ކުޅޭއިރު، އެމްޓިސީސީ ބައްދަލުކުރާނީ އެމްއެމްއޭއާ އެވެ.












