ކްލަބް މޯލްޑިވްސް: އާރްޑީސީ އާއި ބީއެމްއެލް މަރުގެ މެޗަކަށް!

Dec 2, 2021, 3:26 AM
ބީއެމްއެލް އާއި އާރްއާރްސީގެ ކުޅުންތެރިން.-- ފޮޓޯތައް: އެއްކާފު، އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ބީއެމްއެލް އާއި އާރްއާރްސީގެ ކުޅުންތެރިން.-- ފޮޓޯތައް: އެއްކާފު، އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޓީމު، އާރްއާރްސީގެ ކުރިމަތިލުމަކީ ދެ ޓީމަށް ވެސް މަރުގެ މެޗެކެވެ.

މިރޭގެ މެޗުގެ ނަތީޖާ އިން މި ގްރޫޕުން ބާކީ އޮތް ޖާގައިގައި ދެން އޮތް ބުރަށް ދަތުރުކޮށް، މުބާރާތުގައި ކުރިއަށްދާނެ ޓީމެއް ކަނޑައެޅިގެން ދާނެ އެވެ. އަދި ޔަގީނުން ވެސް މި ގްރޫޕުން އެއް ޓީމަކަށް ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިމޭނެ އެވެ.

ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވި ކްލަބް އެޗްޑީސީ އެވެ. ބީއެމްއެލް އާއި އާރްޑީސީ ބަލިކޮށް ހޯދި ހަ ޕޮއިންޓާ އެކު އެޗްޑީސީ އޮތީ ދެ ވަނަ ބުރު ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި އޮތް ބީއެމްއެލް އާއި ތިން ވަނައިގައި އޮތް އާރްއާރްސީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބީއެމްއެލް ކުރިގައި އޮތީ ފައިދާ ލަނޑުގެ ގޮތުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި ފެން ކްލަބް (އެމްޑަބްލިއުއެސްސީ) އެވެ. އެ ޓީމު ވަނީ ބާކީ މެޗެއް އޮއްވައި ކަޓައިފަ އެވެ.

މިރޭ ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް ބީއެމްއެލް އަށް ދެ ވަނަަ ބުރުގެ ޖާގަ ހޯދޭނެ އެވެ. އާރްއާރްސީ އަށް ދެ ވަނަ ބުރަށް ދެވޭނެ ހަމައެކަނި ގޮތަކީ ބީއެމްއެލް ބަލިކުރުމެވެ. އެޗްޑީސީން ފެން ކްލަބާ ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އެ ޓީމަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.

އެޗްޑީސީން އެހެން ނަތީޖާ އަކަށް ބަރޯސާނުވެ، ގްރޫޕްގެ އެއް ވަނަ މަގާމު ކަށަވަރު ކުރަން މިރޭ ޕޮއިންޓެއް ހޯދަން ޖެހެ އެވެ. އެކަމަކު، ޕޮއިންޓެއް ނުލިބުނަސް ބީއެމްއެލް އާއި އާރްއާރްސީ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެޗްޑީސީ އަށް ގްރޫޕްގެ އެއް ވަނައިގައި ނިންމޭނެ އެވެ.

ބީއެމްއެލް އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ބޭއްވިއިރު، މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަދި އެ ޓީމުން ވަނީ 2016 ވަނަ އަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ދެ ފަަހަރު ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ކޯޗު އިސްމާއިލް އަނިލް އެވެ. މި ފަހަރު ވެސް ބީއެމްއެލްގެ ކޯޗަކީ އަނިލް އެވެ.

ބީއެމްއެލް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި އިބްރާހިމް ސިނާހު (ސިނާ) އަދި އިޝާން އިބްރާހިމް (ސައްޓު) އަކީ ބީއެމްއެލްގެ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކޮށްފައިވާ އަދި މި މުބާރާތުގައި ވެސް ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ.

ބީއެމްއެލް ޓީމުގައި މި ފަހަރު އެ ކުންފުނިން ބޭރުން ހިމަނާފައިވަނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. އޭނާ އަކީ ވެސް ކްލަބް މޯލްޑިވްސް ކަޕްގައި މީގެ ކުރިން އެކި ޓީމުތަކަށް ކުޅެފައިވާ މުބާރާތުގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. އަދި ފުޓްސަލްގައި މިހާރު ކުރިއެރުން ހޯދަމުން އަންނަ ސާމިން މުހައްމަދު ނަސީރުގެ އިތުރުން މީގެ ކުރިން ވެސް ބީއެމްއެލް ޓީމުން ފާހަގަވި މުހައްމަދު ނާޝިދު (ނާއްޓޭ) އާއި އިބްރާހިމް ހަމްދާން (މެސީ) ވެސް ޓީމުގައި ހިމެނެ އެވެ.

އާރްއާރްސީން ވަނީ މީގެ ކުރިން އެމްއާރްޑީސީގެ ނަމުގައި 2017 ވަނަ އަހަރު މުބާރާތުގެ ތަށި ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތަށް ފުޓްސަލްގެ ރަނގަޅު ޓީމެއް އެކުލަވާލި އެއް ޓީމަކީ އާރްއާރްސީ އެވެ.

ފުޓްސަލްގައި މަޝްހޫރު ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރުޝާދުގެ ދަށުން ކުޅޭ އާރްއާރްސީ ޓީމުގެ ކެޕްޓަނަކީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ފުޓްސަލްގައި ކާމިޔާބު ކުޅުންތެރިޔާ ގަބޭގެ އިތުރުން ދެން އެ ޓީމުގައި ހިމެނޭ އަލީ ޝިފާއު (ރޮނާ) އަކީ މީގެ ކުރިން ކްލަބް މޯލްޑިވްސް ކަޕްގައި ގިނަ ޓީމުތަކެއްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

އެ ޓީމުގައި ދެން ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، އާދަމް ނާސިހު (އާދަންނާ)ގެ އިތުރުން ކްލަބް ވެލެންސިއާ އަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ގައުމީ ފުޓްބޯޅަ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހިމެނެ އެވެ.

މީގެ އިތުރުން ގައުމީ ސްކޮޑުގައި ހިމެނޭ އަލީ ޝާމިސް (ތޮއްޕޭ)، ކްލަބް އީގަލްސް އަށް ދާދި ފަހުން ބަދަލުވި އިބްރާހިމް މައިސާން (މައި) އާއި އެ ކްލަބަށް ކުޅޭ ހިސާމް ސަލީމް (ކޮކީ)، ކްލަބް ގްރީން ސްޓްރީޓްސް އާއި ޒުވާން ގައުމީ ޓީމަށް ކުޅުނު މުހައްމަދު ފަރުހާން (ފަރުއްކޮ) އަދި ފުޓްސަލްގައި މޮޅު ކުޅުމެއް ދައްކާ އިސްމާއިލް މުނީޒް ވެސް ކުޅެނީ އާރްއާރްސީ އަށެވެ.

ދިރާގާއި އިމިގްރޭޝަންގެ ތެރެއިން އެއް ޓީމެއް ކަޓާނެ

މިރޭ ދެން ކުޅޭނީ ގްރޫޕް އީގެ ދެ މެޗެވެ. ކްލަބް އިމިގްރޭޝަން ކުޅޭނީ ޕްލޭނިން މިނިސްޓްރީއާ އެވެ. އެ ގްރޫޕުން ދެ ވަނަ ބުރު ކަށަވަރުކޮށްފައިވާ އެފްއެސްއެމް ނުކުންނާނީ ދިރާގާ ދެކޮޅަށެވެ.

އެފްއެސްއެމް އަނެއް ބުރުން ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ދިރާގެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާ އިމިގްރޭޝަން އެވެ. ހަތަރެއްގައި އޮތް ޕްލޭނިން މިނިސްޓްރީ އަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ.

ދިރާގަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރަން ބޭނުންވަނީ އެފްްއެސްއެމް މެޗުން ޕޮއިންޓެކެވެ. އިމިގްރޭޝަނަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ އެފްއެސްއެމް އިން ދިރާގު އަތުން މޮޅުވެ، އިމިގްރޭޝަން ކުޅޭ މެޗުން އެ ޓީމު ޕްލޭނިން މިނިސްޓްރީ އަތުން ރަނގަޅު ތަފާތަކުން މޮޅުވުމެވެ.

ބީއެމްއެލް އާއި އާރްއާރްސީގެ މެޗާއި އެޗްޑީސީ އާއި ފެން ކްލަބްގެ މެޗު ފަށާނީ މިރޭ 20:15 ގަ އެވެ. އަދި ދިރާގާއި އެފްއެސްއެމްގެ މެޗާއި އިމިގްރޭޝަން އާއި ޕްލޭނިން މިނިސްޓްރީގެ މެޗުތައް އޮތީ 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox